14 Jan 2023, 09:57
އެޕަލްގެ ސީއީއޯ ޓިމް ކުކްގެ މުސާރައިން 2023ވަނަ އަހަރުން ފެށިގެން 40 ޕަސެންޓް އުނިކުރަން އެކުންފުނިން ނިންމައިފިއެވެ.
އެޕަލް އިން ނެރުނު އަހަރީ ޕްރޮކްސީ ސްޓޭޓްމަންޓް ގައިވާ ގޮތުން ޓިމް ކުކްއަށް މިފެށުނު 2023ވަނަ އަހަރުން ފެށިގެން މުސާރަ ލިބޭނީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 40 ޕަސެންޓް ދަށްކޮށެވެ. 2022ވަނަ އަހަރު ހިއްސާދާރުންނަށް ހާއްސަކޮށްގެން ބޭއްވި އަހަރީ އެޑްވައިޒަރީ ޖަލްސާގައި އެގްޒެކެޓިވުންނަށް ދެމުން އަންނަ މުސާރައަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ނެގި "ސޭ އޮން ޕޭ" ވޯޓުގައި، މުސާރައިގެ ޕެކޭޖްތައް ބަދަލުނުކޮށް 2021ވަނަ އަހަރުން ފެށިގެން ހުރި މިންވަރަށް ބެހެއްޓުމަށް ތާއީދުކޮށްފައި ވަނީ އެންމެ 64 ޕަސެންޓް ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ އަޣުލަބިއްޔަތު ނަމަވެސް، މިއީ އަހަރުން އަހަރަށް ރުހުން ލިބުން ވަރަށް ބޮޑަށް ދަށަށް ދިއުމެކެވެ.
ބައެއް އޮންލައިން ރިޕޯޓުތަކަށް ބަލާއިރު، އޭގެ ކުރީ އަހަރު ވޯޓު ދިން ހިއްސާދާރުންގެ ތެރެއިން 94.9 އިންސައްތަ ހިއްސާދާރުން ވަނީ ކުންފުނީގެ އެގްޒެކެޓިވުންގެ މުސާރަ ބޮޑުކުރުމުގެ ހުށަހެޅުންތަކަށް ތާއީދުކޮށްފައެވެ.
މިއަހަރުގެ ޕޭ ޕެކޭޖްތައް ނިންމުމަށް އެޕަލްގެ ކޮމްޕެންސޭޝަން ކޮމިޓީން ރިއާޔަތްކުރީ 'ސޭ އޮން ޕޭ'ގެ ވޯޓުގެ ނަތީޖާ އާއި ޓިމް ކޫކްގެ އަމިއްލަ ލަފާ ލިބިފައިވާ ފީޑްބެކްގެ އަލީގައި އޭނާގެ މުސާރަ އެޖެސްޓް ކުރުމަށެވެ. 2023ވަނަ އަހަރަށް ކޫކްގެ ޓާގެޓް މުސާރައަކީ 49 މިލިއަން ޑޮލަރު ކަމަށްވާއިރު، މިއީ 2022ވަނަ އަހަރު ޓާގެޓް މުސާރައަށް ވުރެ 35 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. މިއަހަރު ކޫކްގެ މުސާރައަކީ 40 މިލިއަން ޑޮލަރެވެ. އިތުރަށް އޭނާއަށް ލިބޭނީ 2022ވަނަ އަހަރުގެ 50-50 ގެ ބަދަލުގައި 75 ޕަސެންޓް ޕާފޯމަންސާއި 25 ޕަސެންޓް ޓައިމް ބެސްޓް ވެސްޓިންގެ އިކުއިޓީ އެވޯޑެކެވެ.
ހަގީގަތަކީ މީގެ ދެތިން އަހަރު ކުރިން އޭނާގެ މުސާރަ ޗެރިޓީއަށް ހަދިޔާ ކުރަން ވައުދުވި ކޫކް އަށް ސްޓޮކް އެވޯޑާއި ބޯނަސްގެ ސަބަބުން މި އަހަރު 49 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބުމަކީ އެކަށީގެންވާ ކަމަކަށް ވުމެވެ.
ބްލޫމްބާގުން ބުނި ގޮތުގައި އޭނާއަށް 2022ވަނަ އަހަރު 99.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، އެއީ އެ އަހަރުގެ ޓާގެޓް މުސާރައަށް ވުރެ 15.4 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 2021ވަނަ އަހަރު އޭނާގެ ޖުމްލަ މުސާރަ ޕެކޭޖުގެ އަދަދަކީ 98.7 މިލިއަން ޑޮލަރެވެ.
އެޑްވައިޒަރީ ކުންފުނި އިންސްޓިޓިއުޝަނަލް ޝެއާހޯލްޑަ ސާވިސަސް ފަދަ ފާޑުކިޔުންތެރިން މީގެ ކުރިން ވަނީ އޭނާގެ އިކުއިޓީ އެވޯޑް މާ ބޮޑުކަމާއި އެ ޕެކޭޖު ސްޓްރަކްޗާ ކުރެވިފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ކޫކްގެ ޕޭ ޕެކޭޖާ ދެކޮޅަށް ވޯޓު ދިނުމަށް ހިއްސާދާރުންނަށް އިލްތިމާސްކޮށްފައެވެ.