14 Jan 2023, 09:51
ތާޕްސީ ޕަންނޫގެ ފިލްމު "ހަސީން ދިލްރުބާ"ގެ އިތުރުބައެއް ހަދަން ނިންމައިފިއެވެ.
"ޕިރް އާއީ ހަސީން ދިލްރުބާ"ގެ ނަމުގައި ގެނެސްދޭ ފިލްމުގެ ދެވަނަ ބައި އުފައްދަން ނިންމާފައިވާކަމަށް ބުނެ ފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސް ބަތަލާވަނީ ފޭނުންނާ ޙިއްސާކޮށްފައެވެ.
ޓީ-ސީރީސްގެ އިތުރުން އިތުރު ދެ ކުންފުންޏަކާއި ގުޅިގެން އުފައްދާ މިފިލްމުގެ ފުރަތަމަ ބަޔަކީ 2021ވަނަ އަހަރު ނެޓްފްލިކްސްއިން ޕްރިމިއާކުރި ހިންދީ ފިލްމުތަކުގެތެރެއިން އެއަހަރު އެންމެ ގިނަބަޔަކު ބެލި ފިލްމެވެ. ރީތި ލޯބީގެ ވާހަކައެއް ކިޔައިދޭ ތްރިލާގެ ފުރަތަމަ ބައިން ތާޕްސީގެ އިތުރުން ފެނިގެންދިޔައީ އެކްޓަރު ވިކްރާންތް މަސޭއާއި ހަރްޝް ވަރްދަން ރާނޭއެވެ.
ފިލްމު "ޕިރް އާއީ ހަސީން ދިލްރުބާ"އިން ތާޕްސީއާއެކު ވިކްރާންތް ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ފިލްމުގައި ހިމަނާނެ އެހެން ކާސްޓުންގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.
ފިލްމުގެ ޝޫޓިންގް މިހާރު ފެށިފައިވާއިރު މިފިލްމުގެ ބޮޑު ބައެއްގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ދިއްލީގެ އާގަރާގައެވެ. ފިލްމުގެ ޕޯސްޓަރުގައިވެސް ބަތަލާ ފެންނަނީ އާގަރާގެ ލޯބީގެ ބިނާ ތާޖް މަހަލްކައިރީގައި މަޑުކޮށްލައިގެން އިންނަތަނެވެ. ޖޭޕްރާދް ދެސާއީ ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާ މިފިލްމުގެ ވާހަކަ ލިޔެފައިވަނީ ފުރަތަމަ ބައިވެސް ލިޔުނު ލިޔުންތެރިޔާ ކަނިކާ ދިލަންއެވެ. ފިލްމު އުފެއްދުންތެރިޔާ އާނަންދް ރާއީއާއި ލިޔުންތެރިޔާ ކަނިކާ އަދި ތާޕްސީއާއި ދެމެދު ސޯޝަލް މީޑިއާގައި ބަދަލުކުރެވުނު މެސެޖުތަކުން ދޭހަވާގޮތުގައި މިފަހަރުގެ ވާހަކަ ފުރަތަމަ ބަޔަށްވުރެ ވަރަށްބޮޑަށްވެސް ތަފާތުވާނެއެވެ.
ބަތަލާ ތާޕްސީ ޕަންނޫއަކީ އަބަދުވެސް ވަރަށް ތަފާތު ސްކްރިޕްޓްތަކަށް އުފައްދާ ފިލްމުތައް ކުޅެން ޝައުޤުވެރިވާ ބަތަލާއެކެވެ. ނިމިގެން މިދިޔަ އަހަރު އެކަނިވެސް ބަތަލާގެ 6 ފިލްމެއް ބެލުންތެރިންނާ ހަމައަށްވަނީ ގެނެސްފައެވެ. ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ ޒީ5ގައި ޕްރިމިއާކުރި ފިލްމު "ބްލާ"އިންނެވެ. ފިލްމުގެ ލީޑްރޯލްއިން ތާޕްސީ ފެނިގެންދިޔައިރު މިފިލްމުގައި ޕްރޮޑިއުސަރެއްގެ ރޯލްވެސް ބަތަލާވަނީ ކުޅެފައެވެ.