ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު އެޑްމިޓް ކުރުމަށްފަހު ރައީސް މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރައީސް މައުމޫން މިއަދު އެޑްމިޓް ކުރީ ޓެސްޓްތަކެއް ހެދުމަށެވެ. އެއީ ސީދާ ކޮން ޓެސްޓްތަކެއް ކަމެއް ނޭނގެއެވެ.

މީގެ އިރުކޮޅެއް ކުރިން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޮސްޕިޓަލުން އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އެންގުމުން، މިހާރު އެނބުރި ގެކޮޅަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްގައި ހޭދަކުރެއްވި ވަގުތު ދެއްވި އެހީތެރިކަމަށް ޑޮކްޓަރުންނާއި ނަރުހުންނަށް އެމަނިކުފާން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އަދި ރައީސް މައުމޫން ވަނީ އެމަނިކުފާންގެ ހާލު ބެއްލެވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

މާލޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރެމުން ދިޔައިރު އެ ބަލި ޖެހިގެން ވެސް ރައީސް މައުމޫން މީގެ ކުރިން އެޑްމިޓް ކުރިއެވެ. ފަރުވާއަށް ފަހު ބަލި ރަނގަޅުވުމުން އެފަހަރު ވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.