13 Jan 2023, 20:07
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.
މި މުބާރާތް ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. ފުރަތަމަ ބަޔަކީ ސްކޫލްތަކުގެ ބަޔެވެ. ސްކޫލްތައް ބަހާލާފައިވަނީ ދަށު ސާނަވީ ގިންތި އާއި ސާނަވީ ގިންތި އާއި މަތީ ސާނަވީ ގިންތިއަށެވެ. ދަށު ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭޖް ތިނެކެވެ. ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭ ހަތަރެކެވެ. އަދި މަތީ ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭޖް ފަހެކެވެ.
ދެވަނަ ބަޔަކީ މަތީ ތަޢުލީމުގެ ބައެވެ. މި ބައިގައި ޔުނިވާސިޓީ، ކޮލެޖު ނުވަތަ އިންސްޓްޓިޓިއުޓް / އެކެޑަމީތަކަށް ބައިވެރިވެވޭނެއެވެ.
ތިންވަނަ ބަޔަކީ އަމިއްލަފަރާތްތަކުގެ ބައެވެ. މި ބައިގައި 18 އަހަރުން ދަށުގެ އުމުރުފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާތަކުގެ މީހުންނަށް ބައިވެރިވެވޭނެއެވެ.
އަދި ހަތަރު ވަނަ ބަޔަކީ އޮފީސް، ކުންފުނި، ކުލަބު އަދި ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައެވެ. މި މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް، ކުންފުނި، ކުލަބު އަދި ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައިގައި ކުރިއަށްދާނީ ބަހުސް ކުރުމެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
ދިވެހި ބަހުގެ އެކެޑަމީން މައުލޫމާތު ދޭ ގޮތުގައި މުބާރާތުގައި ވާހަކަދައްކާނެ މައުޟޫތައް މުބާރާތް ފެށުމުގެ މަދުވެގެން ހަތް ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި، ފޯމު ފުރިހަމަކުރުމަށް ފަހު އަންނަ ފެބްރުއަރީ މަހުގެ ދޭއް ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންވާނެއެވެ. މުބާރާތުގެ އެކި އުމުރުފުރާތަކުގައި ބައިވެރިވާން އެދޭ ފޯމް ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.