ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ހަވީރު އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވަޑައިގެންނެވިއެވެ. ހަމައެއާއެކު އެ ޓީމްގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ހިމެނިވަޑައިގަންނަވައެވެ.

އެ މަނިކުފާނުގެ އިސްތިގުބާލަށް ތިބި އާންމުންނާ ސަލާން ކުރެއްވުމަށްފަހު ފޭދޫ ބަނދަރު ސަރަހައްދުގައި ރައީސް ވަނީ ރައްޔިތުންނާ މުހާތަބްކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ފޭދުއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ-- ސަން ފޮޓޯ: ނާއިލް

އެގޮތުން ރައީސް ވިދާޅުވީ އައްޑޫގެ ރައްޔިތުންނަކީ އަބަދު ވެސް އިސްލާހަށް މަސައްކަތްކުރާ ބައެއްކަމަށެވެ. އަދި އެމްޑީޕީ އުފެދުނީއްސުރެ އައްޑޫ ރައްޔިތުން ތިބީ އެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އެމްޑީޕީގެ އިސް މަގާމުތައް ވެސް އައްޑޫއަށް ނިސްބަތްވާ މެމްބަރުން ފުރައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އައްޑޫ ރައްޔިތުންގެ ތާއީދު ނެތްނަމަ އެމްޑީޕީ ނޯންނާނެކަމަށް ވެސް ވިދާޅުވިއެވެ.

"މި ޕާޓީ ވުޖޫދުވެގެން އައި އިރު އައްޑޫގެ ރައްޔިތުންވީ ގުރުބާނީ އަޅުގަނޑު ހަނދާން އެބަހުރި. މިއަދު ވެސް އައްޑޫގެ ރައްޔިތުން ތިބީ މި ޕާޓީއާއެކުގައި. ޕާޓީގެ އިސް މަގާމުތައް އައްޑޫގެ ރައްޔިތުން ފުރައިފި ބައެއް ފަހަރު އުނދަގުލާއި ދައްޗާއެކު. އެ ހުރަސްތައް ބައެއް ފަހަރު އައްޑޫ ސިޓީގެ ޕާޓީގެ ރައްޔިތުންނަށް ކުރިމަތިވޭ. އެހެންނަމަވެސް މި ޕާޓީއެއް ދެމިނޯންނާނެ އައްޑޫ ސިޓީގެ ރައްޔިތުން ނެތިއްޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫގެ ތަރައްގީ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އައްޑޫ ތަރައްގީނުވާނަމަ ރާއްޖެ ވެސް ތަރައްގީ ނުވާނެ ކަމަށެވެ.

"ދިވެހިރާއްޖެއަށް އަންނަ ހެޔޮ ބަދަލެއްގެ ހެޔޮ ފާހަގަ ފުރަތަމަ ޖެހެން ޖެހޭ ތަނަކީ އައްޑޫ ސިޓީ. އައްޑޫ ތަރައްގީނުވެ މި ރާއްޖެ ތަރައްގީއެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ފޭދޫގައި މިރޭ އެ ރަށު ސްކޫލުގައި އޮންނަ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާ ދެމެދު އޮތް އިރު ދެ ބޭފުޅުން ވެސް ގެންދަ ވަނީ އަތޮޅު ތެރެއަށް ވަޑައިގަންނަވަމުންނެވެ.