ދެމެހެއްޓެނިވި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ މުސްތަގުބަލެއް ގާއިމްކުރުމުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް، އަލަށް އެކުލަވާލި ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް (ސީޕީއެފް)އާ ބެހޭ ގޮތުން ވޯލްޑް ބޭންކް ގްރޫޕްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން މިއަދު މަޝްވަރާ ކޮށްފިއެވެ.

ވޯލްޑް ބޭންކުން ބުނީ އެ ސިޔާސަތު އެކުލަވާލާފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެ ސިޔާސަތުގައި ވޯލްޑް ބޭންކް ގްރޫޕްގެ މެމްބަރު ޖަމިއްޔާތަކުގެ ތެރެއިން ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަމިއްލަ ވިޔަފާރިތަކަށް ހާއްސަކޮށް މަސައްކަތްކުރާ، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)އާއެކު މަސައްކަތް ކުރާނެ މައިގަނޑު ދާއިރާތައް ކަނޑައަޅާފައިވާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

އޭގެ އިތުރުން ސިޔާސީ ކަންކަމާ ގުޅޭ އިންޝުއަރެންސާއި ފައިސާ ހޯދަން ފަހިވާނެ ފަދަ ގެރެންޓީ ދޭ މަލްޓިލޭޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (މީގާ) އިން ރާއްޖެއާ އެކު މަސައްކަތް ކުރާނެ މައިގަނޑު ދާއިރާތައް ވެސް ކަނޑައަޅާފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ބުނީ އާ ސީޕީއެފްގެ އަމާޒަކީ މައިގަނޑު ތިން މަގްސަދެއް ހާސިލްކުރުން ކަމަށެވެ. އެއީ، އިގްތިސާދީ ފުރުސަތުތައް އިތުރުކުރުމާއި އިންސާނީ ވަސީލަތްތަކުގެ ނަތީޖާ ރަނގަޅުކުރުން އަދި ކުރިމަތިވާ ކުއްލި ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ކަން އެ ބޭންކުން ފާހަގަ ކޮށްފައިވެއެވެ.

އެ މަގްސަތުތައް ހާސިލުކުރުމަށްޓަކައި އަހައްމިއްޔަތުކަން ދޭނީ ތައުލީމާއި ސިއްހީ ނިޒާމުގެ ފެންވަރު ހަރުދަނާކުރުމަށް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އަދި މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެވޭ އެހީތެރިކަން އިތުރުކުރުމާއި، މާލީ ދާއިރާގެ ކަންކަން ހަރުދަނާކޮށް، ދެފުށް ފެންނަކަން ކަށަވަރުކުރުމަށް އަހައްމިޔަތުކަން ދޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެއެވެ.

އޭގެ އިތުރުން މުރަކައިގެ ފަރުތައް ފަދަ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތައް ކުޑަކުރުމާއި؛ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އިގްތިސާދީ ކުރިއެރުން އިތުރުކުރުމަށް ވެސް އަހައްމިއްޔަތުކަން ދިނުމަށް ނިންމާފައިވެއެވެ. އަދި ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމާއި ދިވެހި ރައްޔިތުންނަށް، ޚާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް އަހައްމިޔަތުކަން ދޭނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުން ބުނީ ސީޕީއެފް ތައްޔާރުކޮށްފައިވަނީ ސިސްޓަމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް އަޕްޑޭޓެއްގެ ޒަރިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށް ކަމަށެވެ. އަދި ކުރީގެ ސީޕީއެފް ތަންފީޒުކުރުމުގެ ތެރޭގައި ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ފަރާތްތަކާއި އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ވެސް ކޮށްފައިވާ ކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

އެކަމާ ގުޅިގެން ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒަރްވޯސް ވިދާޅުވީ ރާއްޖެއަށް އެކަށައެޅި އާ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް ރަމްޒުކޮށްދެނީ ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި ތަރައްގީގެ ބައިވެރިންނާއި ރާއްޖޭގެ އެހެނިހެން ފަރާތްތަކާ އެކު އޮންނަ ގާތް ގުޅުން ކަމަށެވެ.

"މި ޕާޓްނަޝިޕްގެ ސަބަބުން، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ދެމެހެއްޓެނިވި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ މުސްތަގުބަލެއް އެންމެހާ ދިވެހިންނަށް ހޯދައިދިނުމަށް އެހީތެރިއަކަށް ވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ރާއްޖޭގައި މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުގައި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)ގެ އެހީގެ ދަށުން ހިންގާ ނުވަ ޕްރޮޖެކްޓަކާއި އައިޑީއޭގެ އެއް ގެރެންޓީ ހިމެނެއެވެ. އެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާގެ ޖުމްލަ އަދަދު 178 މިލިއަން ޑޮލަރަށް އަރައެވެ.

އެ މަޝްރޫއުތައް ހިންގާ ދާއިރާތަކަކީ އިއާދަކުރަނިވި ހަކަތަ، ޒުވާނުންނަށް ވަޒީފާ ހޯދަން ބޭނުންވާ ހުނަރުތައް، ޑިޖިޓަލް ޓެކްނޮލޮޖީ، އުމްރާނީ ތަރައްގީ، ކުނި މެނޭޖުކުރުން، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުން، ސިއްހީ އަދި ތައުލީމީ ދާއިރާ، އަދި އިޖުތިމާއީ ރައްކާތެރިކަމެވެ.

މީގެ އިތުރުން، ވޯލްޑް ބޭންކުން ވަނީ އިގްތިސާދީ ހާލަތު ދެނެގަތުމާއި މާލީ ދާއިރާ އާއި އިޖުތިމާއީ ރައްކާތެރިކަން އަދި ފަގީރުކަން ނައްތާލުން ފަދަ ދާއިރާތަކުން ވެސް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމަށް އިސްކަންދޭ ވޯލްޑް ބޭންކް ގްރޫޕުގެ ބައެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ މެމްބަރަކަށް ރާއްޖެ ވީ 1983 ވަނަ އަހަރު އެވެ. އޭގެ ފަހުން ފާއިތުވެދިޔަ އަހަރުތަކުގައި އައިއެފްސީން ވަނީ، އެހެން ފަރާތްތަކުން ފައިސާ ހޯދައިދިނުން ހިމެނޭ ގޮތަށް 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފައެވެ.

އައިއެފްސީން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ހެކްޓާ ގޯމޭޒް އަންގް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޑިޖިޓަލް އިގްތިސާދަށް އިތުރު ސަމާލުކަމެއް ދީގެން، އަމިއްލަ ވިޔަފާރިތަކުން ފަހި އިގްތިސާދީ ކުރިއެރުވުމަކީ އިގްތިސާދު ފުޅާކޮށް، ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި އައިއެފްސީން ވަނީ މާލީ އަދި ޑިޖިޓަލް ވަސީލަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށް، އިގްތިސާދީ ބަދަލުތަކަށް އެހީތެރިވެދީ، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ހިމެނޭ ގޮތަށް ރާއްޖޭގައި ކުރާ މަސައްކަތްތައް ފުޅާކޮށްފައި،" ގޯމޭޒް އަންގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސީޕީއެފް ތަންފީޒުކުރުމަށް ސަރުކާރާއި އެހެނިހެން ބައިވެރިންނާ އެކު މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.