އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި އިލެކްޝަންތަކަކީ މިނިވަން އަދި އަމާން ސުލްހަވެރި އިންތިހާބުތަކަށް ހެދުމަށް ހިއުމަންރައިޓްސް ކޮމިޝަން (އެޗް އާރްސިއެމް) އިން މިއަދު ގޮވާލައިފި އެވެ.

އެޗްއާރްސީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބުތަކުގެ ވޯޓްލުން ކުރިއަށްދާ އިރު ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑެޓުންނާއި ތާއީދުކުރާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކުން ސުލްހަވެރިކަމާ އެކު އެއްބަޔަކު އަނެއްބަޔެއްގެ ހައްގުތަކަށް ރައްކާތެރިވެތިބެ، އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް އެކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.

"ގާނޫނު އަސާސީން ލާޒިމްކުރާ ކަމަކަށް ވީހިނދު އެހައްގު ބޭނުންކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއި އެކު އަމަލް ކުރުމަށް މިކޮމިޝަނުން އިލްތިމާސްކުރަން. މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސްނޭޅޭނެ ގޮތަށް ހުރިހާ ފަރާތްތަކެއްގެ އަމަލުތައް ބެހެއްޓުމަށް ވެސް މިކޮމިޝަނުން ގޮވާލަން،" ބަޔާނުގައިވެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި އިލެކްޝަންތަކަކީ ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާ އާއި ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގެ އިތުރުން ހދ. ކުމުންދޫ ކައުން ސިލްގެ އިތުރުން ތ. ގާދިއްފުށީ ކައުންސިލްގެ ބައިއިލެކްޝަނެވެ.