ޒުވާނުންނަށާއި ކުޑަކުދިންނަށް އަމާޒުކޮށް ހަތަރު ފުޓްސަލް ދަނޑެއް ރާއްޖޭގެ ހަތަރު އަތޮޅެއްގައި އެޅުމުގެ މަސައްކަތް އެފްއޭއެމް އިން ކުރަމުން އަންނަ ކަމަށް އެ އިދާރާގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ، އެފްއޭއެމްގެ ހަރަދުގައި މިފަހަރު ފުޓްސަލް ދަނޑުތައް އަޅާ ހަތަރު ރަށަކީ ގދ. ތިނަދޫ އާއި އއ. ތޮއްޑޫ އާއި ބ. އޭދަފުށި އަދި ޏ. ފުވައްމުލަކުގައި ކަމަށެވެ. އަދި އެ ރަށް ރަށުގައި ފުޓްސަލް ދަނޑުތައް އަޅާނެ ތަންތަން ކަނޑައެޅުމުގެ ގޮތުން ދާދި ފަހުން އެ ރަށް ރަށަށް ވަޑައިގެން އެރަށް ރަށުގެ ރަށު ކައުންސިލްތަކާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

"މިއީ ޒުވާނުން ނަށާއި ކުޑަކުދިންނަށް ހާއްސަ ކޮށްގެން ރާއްޖޭގެ ހަތަރު އަތޮޅެއްގައި ހަދަން ނިންމާފައިވާ ހަތަރު ފުޓްސަލް ދަނޑު. މަސައްކަތް ވަރަށް އަވަހަށް ފައްޓާނެ .އެ ދަނޑުތަކުގެ މަސައްކަތް މިއަހަރު ފެށި އަންނަ އަހަރުގެ ކުރީ ކޮޅު ބޭނުން ކުރެވޭ ވަރު ވާނެ .މިއީ 2008 ގެ ކުރިން ދުވަހުކު ވެސް ކުރެވުނު ކަމެއް ނޫން." އާޒިމް ވިދާޅުވި އެވެ.

އެފްއޭއެމް އިން ރާއްޖޭގެ ހަތަރު ރަށެއްގައި ފުޓްސަލް ދަނޑުތައް އެޅުމަށް ނިންމާފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ހަތް ފުޓްސަލް ދަނޑެއް އެޅުމަށް ކުޅިވަރާ ބެހޭ މިނިސްޓީ އިން ވަނީ ހަތަރު ފަރާތަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް އެ ދަނޑުތަކުގެ މަސައްކަތް މިމަހުގެ އެއް ވަނަ ދުވަހު ފަށާނެ މިނިސްޓުރީން އިއުލާން ކުރި ނަމަވެސް އެއިން އެއްވެސް ދަނޑެއްގެ މަސައްކަތް އަދި ފެށިފައި ނުވާ ކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ހަތް ފުޓްސަލް ދަނޑުއެޅުމަށް އެދުވަހު ކުޅިވަރާ ބެހޭ މިނިސްޓުރީއާ އެކު ސޮއި ކުރި ފަރާތްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނާއި މޯލްޑިވް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެފްއޭއެމް އެވެ. އަދި އެދުވަހުގެ އެއްބަސް ވުމުގައި ސޮއި ކުރެވުނު ގޮތުން ހުޅުމާލޭގައި ދެ ދަނޑެއް އެލުމަށް ނިންމި އިރު، ދެން ހުރި ދަނޑުތައް އެޅުމަށް ނިންމީ ވިލެމާލެއާއި އައްޑޫ ސިޓީއާއި ނ. ކެނދިކުޅުދޫ އަދި އދ. މަހިބަދޫގަ އެވެ.