މާލޭގެ މަގުތަކުގެ ސާފުތާހިރުކަމާއި ގޭބިސީތަކުން މަގަށް ނެރޭކުނީގެ އާއްމު ޙާލަތު މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޗް އެންޑް ޓެކްނޮލޮޖީ, އައިމިނަތު ޝައުނާ ބައްލަވާލައްވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިނިސްޓަރު އަމިއްލަފުޅަށް އިސްނަންގަވައި މިކަން ބެއްލެވުމުގެ މައިގަނޑު މަޤްސަދަކީ ކަމާގުޅުންހުރި ފަރާތްތަކުން އާންމުކޮށް ކުނި ނެގުމަށް ހަމަޖެހިފައިވާ ވަގުތުތަކުގައި ރަނގަޅަށް އެކަންކަން ކުރިއަށް ގެންދޭތޯ ބެއްލެވުން ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި މާލޭގެ ކުނީގެ އާއްމު ޙާލަތު ހުރިނެތްގޮތް އަމިއްލަފުޅަށް ބައްލަވާލެއްވުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު މިއަދު މާލޭގެ އެކިމަގުތަކާއި ސަރަހައްދުތަކުގެ ހާލަތު ސައިކަލެއްގެ ފަހަތުގައި އިންނަވައިގެން، ބެއްލެވި ބެއްލެވުމުގައި މާލެތެރޭގެ ކުނީގެ ކަންކަން ކަމާގުޅުން ހުރި އިދާރާތަކުން ގެންދަވާލެއް ރަނގަޅުކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލޭގެ މަގުތަކުގެ ސާފުތާހިރު ކަމުގެ ހާލަތު މިނިސްޓަރު ބައްލަވާލައްވަނީ / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މިފަހުން މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާޒާތުގެ ކުންޏާއި އެހެނިހެން ކުނިތައް ޖަމާވެ، އާންމުގެ ޝަކުވާ ގިނަވުމާ ގުޅިގެން ވެމްކޯއިން ވަނީ މިނިސްޓަރުގެ ލަފާގެ މަތީން މާލެ ސާފުކުރުމުގެ އޮޕަރޭޝަނެއް ފަށާފައެވެ.

މާލެ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއިން ކުރަމުން އައި ނަމަވެސް، މާލެ ސިޓީ ކައުންސިލާއެކު ވެމްކޯއިން ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުން ހަމަވެ، ސިޓީ ކައުންސިލުން ވަނީ އެއްބަސްވުން އާ ކުރުމާ ދެކޮޅު ހަދާފައެވެ. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވީ ، ގޭބިސީތަކުން ނެރޭ ކުނި ނެގުމުގެ މަސައްކަތަކީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ.

އަދި، ވެމްކޯއިން ކައުންސިލަށް ޖެއްސުން ކުރަން ގޭގެއިން ނެރޭ ކުނި މަގުމަތީގައި ބެހެއްޓި ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

މިނިސްޓަރުގެ އިރުޝާދާ އެއްގޮތަށް ވެމްކޯއިން ކުރިންވެސް ކުނި ނަގަމުންދިޔަ ގޮތަށް ކުނި ނަގައި މާލެ ތެރެ ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.