12 Jan 2023, 22:06
ބޭންކް އޮފް މޯލްޑްވިސް (ބީއެމްއެލް)އިން ކިޔަވާ ކުދިންނަށް ދޫކުރާ ލޯންގެ އިންޓްރެސްޓް ރޭޓް ފަސް ޕަސެންޓަށް ކުޑަކޮށްފިއެވެ.
ބީއެމްއެލްއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ކްރޮސް ރޯޑުގައި މިހާރު ކުރިއަށް ގެންދާ ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ބޭންކުގެ ޗެއާ ޕާސަން ޔޫޝައު ސައީދު ވިދާޅުވީ ބޭންކުން ދޫކުރާ ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓް ފަސް ޕަސެންޓަށް އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޑަ ކުރުމަށް ނިންމާފައިވާކަމަށެވެ.
އޭނާ ވިދާޅުވީ އެ ބޭންކު ހިންގަމުން އަންނަނީ އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާގެ އުދާސްތަކުގެ އަޑު އަހައިގެން ކަމަށެވެ. އެހެންކަމުން ރައްޔިތުން އެންމެ ބޭނުންވާނެ ގޮތަށް ބޭންކުގެ ކަންކަން ބައްޓަން ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކިޔަވާ ލޯނުގެ އިންޓްރެސްޓު ރޭޓް ބޮޑު ކަމަށް ބުނެ އެ އިންޓްރެސްޓް ރޭޓް މުރާޖާ ކުރުމަށް ގިނަ ބަޔަކު އެދިފައިވާކަމަށް ޔޫޝައު ވިދާޅުވިއެވެ. ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ލޯނުގެ އިންޓްރެސްޓު ކުޑަ ކުރަން ނިންމުމާއެކު މިހާރު ނަގައިފައިވާ ކިޔަވާ ލޯނުގެ އިންޓްރެސްޓު ވެސް ފަސް ޕަސެންޓަށް ކުޑަވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ހަމަ ގައިމު ވެސް ކަސްޓަމަރުން އުފާވާނެ ނިންމުމެއް،" ޔޫޝައު ވިދާޅުވިއެވެ.
މިހާރު ކިޔަވާ ލޯނު ދެމުން އަންނަނީ ނުވަ ޕެސެންޓުގެ އިންޓްރެސްޓް ރޭޓެއްގައެވެ.
ޔޫޝައު ވިދާޅުވީ ބޭންކް އޮފް މޯލްޑްވިސް އަކީ މިހާރު އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ބޮޑު އެއް ބޭންކިން ވިއުގަ ކަމަށެވެ. އެ ބޭންކަކީ ކޮންމެ ދިވެހި އާއިލާއަކާ ސީދާ ގޮތުން ގުޅިފައިވާ ބޭންކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.