12 Jan 2023, 20:27
ޤާނޫނީ ގޮތުން ހުސްކަމެއްގެ ތެރޭގައި އޮތް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މަޤާމުތަކަށް ބޭފުޅުން އައްޔަނުކުރުމުގެ ކަންކަން އަންނަ ހަފުތާގެ ތެރޭގައި ނިމިގެންދާނޭ ކަމަށް ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިފަރާތް ޕްރައިވަޓައިޒޭޝަން ބޯޑުން މިރޭ ބުނެފިއެވެ.
ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑު ޤާނޫނީ ހުސްކަމެއްގެ ތެރެއަށް އައިސްފައިމިވަނީ، މީގެ ކުރިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުހައްމަދު އާސިފް (މުންދު) އިސްތިއުފާ ދިނުމާއިއެކު، ފަހުން ކުންފުނީގެ ޗެއާމަނާއި، މެނޭޖިން ޑިރެކްޓަރުގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ ޤާނޫނީގޮތުން ކަނޑައަޅާފައި އޮތް ހަތަރު އަހަރުގެ ދައުރު ހަމަވުމުންނެވެ.
ދައުރު ހަމަވިއިރު، ޕީއެސްއެމްގެ ޗެއާމަނެއްގެ ގޮތުގައި ހުންނެވީ އިބްރާހިމް ހިލްމީއެވެ. މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި އަލީ ހާލިދު ހުންނެވިއިރު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވީ މުހައްމަދު ޝަމީމެވެ. ޕީއެސްއެމްގެ ބޯޑުގައި ޤާނޫނީގޮތުން މިހާރު އިންނެވީ އެންމެ ޑިރެކްޓަރެކެވެ.
ޤާނޫނީގޮތުން ޕީއެސްއެމްގެ ބޯޑު ހުސްވުމުން ވަގުތީގޮތުން ކުންފުނީގެ ހިންގުން ހަވާލުކުރައްވާފައިވަނީ ސީނިއާ މެނޭޖްމަންޓުގެ ބޭފުޅެއްކަމަށްވާ ޕްރޮކިޔުމެންޓް ހެޑް މުހައްމަދު ސައީދުއާއެވެ.
"ސަން" އާ ވާހަކަދައްކަވަމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު އާސިމް ވިދާޅުވީ، ޕީއެސްއެމްގެ ބޯޑުގެ ހުސްވެފައިވާ މަޤާމުތަކަށް ބޭފުޅުން އައްޔަނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިގޮތުން ބޯޑެއް އެކުލަވާލެވޭ ވަރަށް ނަންތައް ލިބިފައިވާކަމަށާއި، މިހަފުތާގައި ކުރިއަށް ދިޔައީ މަޤާމުތަކަށް ނަން ހުށައަޅާފައިވާ މީހުންގެ ހުންނަންޖެހޭނެ ކަމަށް ބުނާ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމުގެ މަސައްކަތްތައް ކަމަށް އާސިމް ވިދާޅުވިއެވެ.
މި މަސައްކަތް ނިމުމަށްފަހު އަންނަ ހަފުތާގެ ތެރޭގައި ބޯޑުގެ ބައްދަލުވުމެއް ބާއްވައި ހުސްވެފައިވާ މަޤާމުތަކަށް މީހުން އައްޔަނުކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް ވެސް އާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޤާނޫނީގޮތުން ކުންފުނީގެ ބޯޑު ހުސްކަމެއްގެ ތެރެއަށް ދިއުމުން ބޯޑުން ނިންމަން ޖެހޭ ކަންކަން ނިންމުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރިނަމަވެސް ބޯޑުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި އެހެނިހެން ކަންކަން ޕީބީސީގެ އިރުޝާދުގެ ދަށުން ކުރިއަށް ދާ ކަމަށެވެ.
"ސަން" އާ ވާހަކަދައްކަވަމުން ޕީއެސްއެމް ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ސައީދު ވިދާޅުވީ، ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުން ކުރަންޖެހޭ މަސައްކަތްތައް ދަތިކަމެއްނެތި، އާއްމު ހާލަތުގައި ކުރިއަށްދާ ކަމަށެވެ.
ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގައި 5 މީހުން ތިއްބަވާއިރު، މިހާރު ބޯޑުގައި އިން ހަމައެކަނި ޑިރެކްޓަރަކީ ޢަބްދުﷲ ރަޝީދެވެ. ޕީއެސްއެމްގެ ބޯޑު ހަމަނުވާތީވެ، ކެޕިޓަލް އިންވެސްޓްމަންޓުތައް ކުރުމާއި، ކުންފުނީގެ ޕޮލިސީ ލެވެލްގައި ކުރަންޖެހޭ ކަންކަން ނުކުރެވޭނެއެވެ.
ސަރުކާރުން ފަހުން ނިންމެވީ އަލީ ޚާލިދު އަލުން ޕީއެސްއެމްގެ އެމްޑީ ކަމަށް ހަމަޖައްސައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މީގެ ކުރިން ހުންނެވި މުހައްމަދު ޝަމީމު، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމަށް ބަދަލުކުރުމަށެވެ. ނަމަވެސް އަދި ރަސްމީކޮށް އަލީއަށް މަގާމު ހަވާލެއް ނުކުރެއެވެ.
ޕަބްލިކް ސާވިސް މީޑިއާ ޤާނޫނުގެ ދަށުން ދައުލަތުގެ މީޑިއާގެ ގޮތުގައި ޕީއެސްއެމް ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 28 ވަނަ ދުވަހެވެ.
އެންމެކުރިން ދައުލަތުގެ ޓީވީ އާއި ރޭޑިއޯ ހިންގަމުން އައިސްފައިވަނީ މުޅިން ވަކިންނެވެ. އެގޮތަށް އޮތްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ޓީވީ އާއި ރޭޑިއޯ ހިންގަމުން އައިސްފައިވަނީ، އެމްއެންބީސީ ކިޔާ ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ދަށުންނެވެ.