12 Apr 2012, 15:10
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، ސާކް ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުން އޮތީ ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި މިއަދު ފެށުނު ސާކުގެ ސިއްހަތާ ބެހޭ މިނިސްޓަރުންގެ ހަތަރުވަނަ ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ މަޢުލޫމާތު މިނިސްޓަރުންނާ ހިއްސާ ކުރެއްވި ކަމަށެވެ.
މިނިސްޓަރުންނާ އެކު ރައީސް ވަނީ ސިއްހީގޮތުން ސާކުގެ ގައުމުތަކަށް ހުރި އެކި ގޮންޖެހުންތަކުގެ މައްޗަށް މަޝްވަރާކުރައްވާފަ އެވެ. އަދި ސާކުގެ ގައުމު ތަކުގެ މެދުގައި ސިއްހީގޮތުން ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ސާކުގެ އާ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަލީމް އާއި ހެލްތް މިނިސްޓާ އަހުމަދު ޖަމްޝީދާއި ސަރުކާރުގެ ބައެއް މިނިސްޓަރުން ބައިވެރިވެ ވަޑައިގަތެވެ.