ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު, ވަންގް ލިޒިން ދެއްވައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ) ގެ ވެރިން ޗައިނާގެ އެމްބަސީއަށް މިއަދު ވަޑައިގެން ވަނީ ދިވެހި ނޫސްވެރިންނަށް ތައުލީމުގެ ފުރުސަތު ހޯދައި ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އެ މަޝްވަރާގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކައުންސިލުގެ ރައީސް އަޙްމަދު މުސްޠަފާއާއި މެމްބަރު މޫސާ ރަޝީދުއާއި މެމްބަރު އަރުމާން ރަޝީދުގެ އިތުރުން މެމްބަރު މުޙައްމަދު އަފްރާހް އަދި މެމްބަރު ޢަލީ ނިޝާންއެވެ. ޗައިނާ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިކްސިން އަދި ތާޑް ސެކްރިޓަރީ ޒަންގް ފެންގްއެވެ.

އެމްއެމްސީއިން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ޗައިނާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ކަމަށެވެ. އަދި ޗައިނާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށް ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އެމްއެމްސީއިން ބުންޏެވެ.

އެ މަޝްވަރާގައި ޗައިނާ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިކްސިން އަދި ތާޑް ސެކްރިޓަރީ ޒަންގް ފެންގް--- ފޮޓޯ/ މީޑިއާ ކައުންސިލް

އޭގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އެމްއެމްސީއިން ބުނެއެވެ.

އެ ކައުންސިލުން ބުނީ ސަފީރު ވަންގްގެ ވާހަކައިގައި މީޑިއާއަކީ ރަހުމަތްތެރި ކަމާއެކު މުއާމަލާތް ކުރުމަށާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށް ވިދާޅުވި ކަމަށެވެ. އަދި މީޑިއާ އެކްސްޗޭންޖް ކުރުމަށް އެއްބާރުލުން ދިނުމަކީ ޗައިނާއާއި ރާއްޖޭގެ ގުޅުމަށް މުހިންމު ބައެއް ކަމަށް ސަފީރު ވިދާޅުވިކަން އެމްއެމްސީއިން ފާހަގަކުރިއެވެ.

ސަފީރުގެ ވާހަކައިގައި މައުލޫމާތު ފެތުރުމާއި، ޝައްކުތައް ކުޑަކޮށް، ދެ ގައުމުގެ މެދުގައި ވިސްނުން އިތުރުކޮށް، އެކުވެރިކަން ބަދަހިކޮށް، ސަގާފީ މުއާމަލާތްތައް ކުރިއެރުވުމުގައި މުހިއްމު ދައުރެއް މީޑިއާއިން އަދާކުރާ ކަން ފާހަގަ ކުރެއްވި ކަމަށް ވެސް އެމްއެމްސީއިން ބުންޏެވެ.

އެ ކައުންސިލުން ބުނީ ރާއްޖޭގެ މީޑިއާ ކައުންސިލާއި ޗައިނާގެ މީޑިއާ ރެގިއުލޭޓަރީ ބޮޑީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް ގުޅުން ބަދަހިކޮށްދެއްވާ، އެ ދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ސަފީރު ދެއްވި ކަމަށެވެ.

މިއަދު އެމްއެމްސީއިން ޗައިނާ އެމްބަސީގައި އެ މަޝްވަރާ ކޮށްފައިވާއިރު ދާދި ފަހުން ދިވެހި ނޫސްވެރިން ބޭރަށް ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެމްއެމްސީއިން ވަނީ އިންޑިއަން ހައިކޮމިޝަނާއި، ޕާކިސްތާން ހައިކޮމިޝަނާއެކު ވެސް މަޝްވަރާ ކޮށްފައެވެ.