12 Apr 2012, 15:14
ޒުވާނުންނަށާއި ކުޑަކުދިންނަށް އަމާޒުކޮށް ހަތަރު ފުޓްސަލް ދަނޑެއް ރާއްޖޭގެ ހަތަރު އަތޮޅެއްގައި އެޅުމުގެ މަސައްކަތް އެފްއޭއެމް އިން ކުރަމުން އަންނަ ކަމަށް އެފްއޭއެމުގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް ވިދާޅުވީ، އެފްއޭއެމްގެ ހަރަދުގައި މިފަހަރު ފުޓްސަލް ދަނޑުތައް އަޅާ ހަތަރު ރަށަކީ ގދ. ތިނަދޫ އާއި އއ.ތޮއްޑޫ އާއި ބ. އޭދަފުށި އަދި ޏ.ފުވައްމުލަކުގައި ކަމަށެވެ. އަދި އެރަށް ރަށުގައި ފުޓްސަލް ދަނޑުތައް އަޅާނެ ތަނެއް ކަނޑައެޅުމުގެ ގޮތުން ދާދި ފަހުން އެރަށް ރަށަށް ވަޑައިގެން އެރަށް ރަށުގެ ރަށު ކައުންސިލްތަކާއެކު މަސްވަރާ ކުރައްވާފައި ވާކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.
"މިއީ ޒުވާނުން ނަށާއި ކުޑަކުދިން ނަށް ހާއްސަ ކޮށްގެން ރާއްޖޭގެ ހަތަރު އަތޮޅެއްގައި ހަދަން ނިންމާފައިވާ ހަތަރު ފުޓްސަލް ދަނޑު. މަސައްކަތް ވަރަށް އަވަހަށް ފައްޓާނެ .އެ ދަނޑު ތަކުގެ މަސައްކަތް މިއަހަރު ފެށި އަންނަ އަހަރުގެ ކުރީ ކޮޅު ބޭނުން ކުރެވޭ ވަރު ވާނެ .މިއީ 2008 ގެ ކުރިން ދުވަހުކުވެސް ކުރެވުނު ކަމެއް ނޫން." އާޒިމް ވިދާޅުވި އެވެ.
އެފްއޭއެމްއިން ރާއްޖޭގެ ހަތަރު ރަށެއްގައި ފުޓްސަލް ދަނޑުތައް އެޅުމަށް ނިންމާފައި ވާއިރު، މިދިޔަ މަހުގެ ފަހު ކޮޅު ކުޅިވަރާ ބެހޭ މިނިސްޓުރީން ވަނީ ރާއްޖޭގައި މިއަހަރު ތެރޭ ހަތް ފުޓްސަލް ދަނޑެއް އަޅާނެ ކަމަށް، ސަރުކާރުގެ މިނިވަން މުއައްސަސާތަކާއި ރައްޔިތުން ހިއްސާވާ ބައެއް ކުންފުނިތަކާއެކު ސޮއިކޮށް އެއްބަސް ވުމަކަށް އައިސްފައެވެ. އަދި އެ ދަނޑުތަކުގެ މަސައްކަތް މިމަހުގެ އެއް ވަނަ ދުވަހު ފަށާނެ މިނިސްޓުރީން އިއުލާން ކުރިއިރު، އެއިން އެއްވެސް ދަނޑެއްގެ މަސައްކަތް އަދި ފެށިފައި ނުވާ ކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ހަތް ފުޓްސަލް ދަނޑުއެޅުމަށް އެދުވަހު ކުޅިވަރާބެހޭ މިނިސްޓުރީއާ އެކު ސޮއި ކުރި ފަރާތްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނާއި މޯލްޑިވް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެފްއޭއެމް އެވެ. އަދި އެދުވަހުގެ އެއްބަސް ވުމުގައި ސޮއި ކުރެވުނު ގޮތުން ހުޅުމާލޭގައި ދެ ދަނޑެއް އެލުމަށް ނިންމި އިރު، ދެން ހުރި ދަނޑުތައް އެޅުމަށް ނިންމީ ވިލެމާލެއާއި އައްޑޫ ސިޓީއާއި ނ. ކެނދިކުޅުދޫ އަދި އދ. މަހިބަދޫގަ އެވެ.