10:00


މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގައި އޮތް ފަނޑިޔާރުންގެ ބިލާއި ޝަރުޢީ ކޯޓްތަކާ ބެހޭ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެކޮމިޓީގެ މުޤައްރިރުގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ. 


މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒަށް އަބްދުﷲ ޝާހިދު އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ، ފަނޑިޔާރުންގެ ބިލާއި ޝަރުޢީ ކޯޓްތަކާ ބެހޭ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދި މީގެ ކުރިން ވެސް ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ.


ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިރާރުން ދާއިމީކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާ މި ދަނޑިވަޅުގައި މަޖިލީހުގެ ރައީސް ފޮނުއްވި އެ ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ، ޝަރުއީ ދާއިރާއާ ގުޅޭ އެ ދެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަވަހަށް ނިމިގެން ދިއުމަކީ ޖޭއެސްސީން ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށް މުހިންމު ކަމެއް ކަމުގަ އެވެ.