12 Jan 2023, 18:05
ކޮންޓެއިނަރުގައި ބަންދުކޮށްގެން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ރަނގަޅަށް ބަންދުކޮށް, ލޭބަލްކުރުމަށް, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަނެއްކާވެސް އަންގައިފިއެވެ.
އެކަމާ ގުޅިގެން އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއަށް އެތެރެކުރާ ބިސްކޯދު ފަދަ ކާބޯތަކެތި، އެހެން އުފެއްދުމަށް ބަންދުކޮށް ވިއްކުމަށް ލޭބަލްކޮށްފައި ހުންނަ ޑަބިޔާ ފަދަ ތަކެތީގައި އެތެރެކުރާކަން ފާހަގަކުރެވިފައި ވާކަމަށެވެ.
އެގޮތުން، ވަކި އުފެއްދުމެއް ބަންދުކުރުމަށް ޚާއްސަކޮށް ލޭބަލްކޮށްފައި ހުންނަ ކޮންޓެއިނަރުގައި އެހެން އުފެއްދުންތައް ލޭބަލްކޮށް ބަންދުކޮށްފައި ހުންނަކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި މިފަދަ ކޮންޓެއިނަރު ތަކުގެ ލޭބަލްގެ އިތުރުން ފަސޭހައިން ނެއްޓޭގޮތަށް އެހެން ލޭބަލެއް ހަރުކޮށްފައި ހުންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، ބަންދުކުރި ކާބޯތަކެތި މިފަދައިން ލޭބަލް ކުރުމުން އެ ބޭނުންކުރާ މީހުނަށް އޮޅުންއަރާކަމަށެވެ. މިކަމުގެ ސަބަބުން އެފަދަ އުފެއްދުމެއްގެ މައްސަލަ ޖެހިއްޖެ ހާލަތެއްގައި އުފެއްދުމެއް ޓްރޭސްކުރަން އޮތް ފުރުސަތު ގެއްލޭކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
"ކާބޯތަކެތި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކާ އެތަކެތި ބަންދުކޮށް ލޭބަލް ކުރުމުގައި އެއަށް ހާއްސަ ކޮންޓެއިނަރެއްގައި ބަންދުކޮށް ރަނގަޅަށް ލޭބަލް ކުރުމަކީ ވަރަށް މުހިންމުކަމެއް،" މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނުގައި ވެއެވެ.
އަދި މި ނޫން ގޮތަކަށް ކާބޯތަކެތި ބަންދުކޮށް ލޭބަލްކުރުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑާ ވެސް ހިލާފުކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ވީމާ، އަސްލު ކޮންޓެއިނަރު ނޫން އެހެން ކޮންޓެއިނަރެއްގައި ބަންދުކޮށް ލޭބަލްކޮށްގެން ދިވެހި ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެއްޗަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ކްލިއަރެންސް ނުދޭނެކަމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނުގައި ވެއެވެ.