ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ކެމްޕެއިނަށް ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ރައީސް ސާލިހް ވަނީ ރަސްމީ ދަތުރުފުޅެއްގައި ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި އޮތް އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެކަމާ ގުޅިގެން ގިނަ ސިޔާސީ ފަރާތްތަކެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެގެން ދިޔައެވެ. އަދި ރައީސް ސާލިހް މިދުވަސްވަރު އަތޮޅުތެރެއަށް ގިނަ ދަތުރުތަކެއް ކުރައްވަމުން ގެންދަވާއިރު، އެ ދަތުރުފުޅުތަކަށް ދައުލަތުން ހަރަދުކުރާ ކަމަށް ބުނެ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ރައީސް ކެމްޕެއިން ދަތުރުތަކަށް ޚަރަދު ކުރައްވަނީ ރައީސްގެ ކެމްޕެއިން ޓީމުން ކަމަށާއި، ރައީސްގެ ކެމްޕެއިން ދަތުރުތަކަށް ދައުލަތުން އެއްވެސް ޚަރަދެއް ނުކުރާ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ފޯރުކޮށްދޭން ޖެހޭ ސެކިއުރިޓީ އެމަނިކުފާނަށް ފޯރުކޮށްދޭ ކަމަށާއި، ރައީސްގެ ސަޕޯޓް ޓީމް ހުރިހާ ދަތުރުފުޅުތަކެއްގައިވެސް ބައިވެރިވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކެމްޕެއިން ދަތުރުފުޅުތަކަކީ ޕާޓީން ޚަރަދުކުރައްވައިގެން ވަޑައިގަންނަވާ ދަތުރުފުޅުތަކެއް. އެންމެފަހުން ރ އަތޮޅަށާއި ބ އަތޮޅަށް އަދި އުތުރުގެ އަތޮޅުތަކަށް އެކުރެއްވި ދަތުރުފުޅުތަކަކީ ކެމްޕެއިނުން ޚަރަދުކުރައްވައިގެން ކުރެއްވި ދަތުރުފުޅުތަކެއް. ކެމްޕެއިންގަ އުޅުއްވި ކަމުގައި ވީނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެއީ ރައީސުލްޖުމްހޫރިއްޔާ. އެމްޑީޕީގެ ޕްރައިމަރީގެ ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިރުވެސް ރައީސުލްޖުމްހޫރިއްޔާ އެއީ. އެހެންވީމާ ރައީސް އަރިހުގައި އަބަދުވެސް ރައީސްއާ އެއްކޮށް ސެކިއުރިޓީ އަދި ސަޕޯޓް ޓީމު އޮންނާނެ. އެކަމަކު ކެމްޕޭނެއްގެ ގޮތުގައި އެ ބޭފުޅުން މަސައްކަތެއް ނުކުރައްވާނެ.ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ސާލިހްގެ ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޓްވީޓުތަކުގައި ރައީސްގެ ކެމްޕެއިންގައި ބޭނުންކުރާ ހޭޝްޓެގްފަދަ އިބާރާތްތައް ބޭނުންކުރުން ކުށްވެރިކުރާ ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.