12 Jan 2023, 14:17
ބްރަސަލްސް (12 ޑިސެންބަރު 2022): ރަޝިއާ އާއި ޗައިނާ އާ ކުރިމަތިލުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށާއި އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ނޭޓޯއާއި ޔޫރަޕްގެ އިއްތިޙާދުން ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ނޭޓޯގެ ފަރާތުން ސޮއިކުރެއްވީ އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގްއެވެ. ޔޫރަޕްގެ އިއްތިޙާދުގެ ފަރާތުން ސޮއިކުރެއްވީ ޔޫރަޕިޔަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮންޑެލެޔެން އާއި ޔޫރަޕިޔަން ކައުންސިލްގެ ރައީސް ޗާލް މިޗޭލްއެވެ.
ސާދަ ނުކުތާ ހިމެނޭ މިއެއްބަސްވުމުގައި ޔޫރަޕާއި އެޓްލާންޓިކް ސަރަހައްދަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކުގެ ފަހަތުގައިވަނީ ޗައިނާއާއި ރަޝިއާ ކަން ފާހަގަކޮށް އެދެގައުމުގެ ނަން ސީދާގޮތެއްގައި ފާހަގަކޮށްފައިވެއެވެ.
ރަޝިއާ އާބެހޭގޮތުން އެއްބަސްވުމުގައި ބުނެފައިވަނީ ރަޝިއާ ޔުކްރެއިންއާ ދެކޮޅަށް ކުރަމުންގެންދަނީ އަނިޔާވެރި އުދުވާނީ ހަނގުރާމައެއްކަމަށާއި އެހަނގުރާމައިގެ ސަބަބުން ވޭތުދިޔަ ހަތްދިހަވަރަކަށް އަހަރުތެރޭގައި ކުރިމަތިވެފައިނުވާ ވަރުގެ އަސްކަރީ އަދި ދިފާއީ ގޮންޖެހުންތަކެއް ޔޫރަޕަށް ކުރިމަތިވެފައިވާ ކަމުގައެވެ.
މިއެއްބަސްވުމުގައި ޗައިނާ ގެންދަނީ ދުނިޔޭގެ ނިޒާމު ބަދަލުކުރަން މަސައްކަތް ކުރަމުން ކަމަށް ފާޅުގައި ބުނަމުންނެވެ. އެހެންކަމުން އެއީ ނޭޓޯއާއި ޔޫރަޕްގެ އިއްތިޙާދަށް ކުރިމަތިވެފައިވާ ސްޓްރެޓީޖިކް ނުރައްކަލެއް ކަމަށް ސިފަކޮށްފައިވެއެވެ.
ޔޫރަޕާއި އެމެރިކާ ހިމެނޭގޮތަށް ހުޅަނގުން ދުނިޔޭގައި ފަތުރަން މަސައްކަތްކުރާ ލެބެރަލް ފިކުރު (ލާދީނީ އަދި އެއްޖިންސުން ގުޅުން ހިންގުމާއި އާއިލާތައް ހަލާކުކޮށްލުމުގެ އައިޑޮއިލޮޖީ) ފެތުރުމަށް ޗައިނާއާއި ރަޝިއާގެ ސަބަބުން ނުރައްކާވެފައިވާކަން ބަޔާންކޮށް އެކަމާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވެއެވެ.
ހުޅަނގުގެ ލާދީނީ ފިކުރާއި އިންސާނީ ހައްގުތައް ކަމަށް ހުޅަނގުން ދެކޭ ޣައިރު އަޚްލާގީ މަފްހޫމުތަކަކީ މުޅި ދުނިޔެ ބަލައިގަންނަންޖެހޭ އެއްޗެއްކަމަށް އެމެރިކާ އާއި ޔޫރަޕް އަބަދުވެސް ދެކެމުންދެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ސަގާފަތްތަކާއި އިސްލާމީ ޝަރީއަތްފަދަ ޝަރީއަތްތަކާއި ހުޅަނގުގެ ލެބެރަލް ފިކުރު ފުށުއެރިނަމަވެސް ހުޅަނގުން ގެންދަނީ ހުޅަނގުގެ ލާދީނީ ލެބެރަލް ފިކުރު ދުނިޔޭގައި ފެތުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ.
އެފިކުރަށް ވަކާލާތުކޮށް އިގްތިސާދީ ގޮތުންނާއި މަލީގޮތުންނާ އަދި ޑިޕްލޮމެޓިކް ގޮތުން ދުނިޔޭގެ ގައުމުތަކަށް ފިއްތުންތައް ކުރިމަތިކޮށްގެން އެފިކުރު ދުނިޔޭގެ ގައުމުތަކުގައި ގަދަބާރުން ފަތުރައި އެ ފިކުރަށް ބޯލަނބައި ތަބާވުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން މިއެއްބަސްވުމުގައި ހިމެނެއެވެ.
ރަޝިއާ ވަށާލުމަށް ނޭޓޯ ކުރާ މަސައްކަތްތަކާ ގުޅިގެން ރަޝިއާ ކަންބޮޑުވާކަންބޮޑުވުންތަކަށް އެއްވެސް ވަރަކަށް މިއެއްބަސްވުމުގައި ރިއާޔަތްކޮށްފައިނުވާއިރު ޓައިވާންގެ މައްސަލައިގެ ތެރެއަށް އެމެރިކާވަންނަ މައްސަލާގައި ޗައިނާ އިހްސާސްކުރާ ކަންބޮޑުވުންތަކަށްވެސް މިއެއްބަސްވުމުގައި އަޅާލާފައެއް ނުވެއެވެ.
އޭގެބަދަލުގައި މިއެއްބަސްވުމުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ދުނިޔޭގައި އެމެރިކާއާއި ޔޫރަޕް ގެ ބާރާއި ނުފޫޒަށް ޗައިނާގެ އިގްތިސާދީ ބާރާއި ރަޝިއާގެ އަސްކަރީ ބާރުގެ ސަބަބުން އަރާފާނެ ލޮޅުންތަކާމެދުގައެވެ. އަދި ޔޫރަޕާއި އެޓްލާންޓިކް ސަރަހައްދުގެ ބާރުތަކަކީ ދުނިޔޭގެ ރަނގަޅުފަޅިކަމާއި ރަޝިއާއާއި ޗައިނާއާއި އެދެގައުމާ ގުޅިފައިވާ ގައުމުތަކަކީ ދުނިޔޭގެ ނުބައިފަޅިކަން ދެއްކުމުގެ މައްޗަށެވެ.
އެމެރިކާއާއި ޔޫރަޕްގެ ބާރުތައް މިގޮތް ބޭނުންނަމަވެސް ބޮޑު އެއްބާރަކުން އެމެރިކާ މުޅި ދުނިޔެއަށް ބާރާއި ނުފޫޒު ހިންގައި އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި މުޅި ދުނިޔެ އޮންނަ ވަރަށްވުރެ ދުނިޔެ މާ ބޮޑުކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރުވަނީ ދެކެން ފަށާފައެވެ.
އެހެންކަމުން ބޮޑު އެއްބާރުގެ ބަދަލުގައި ގިނަ ބާރުތަކެއްގެ މައްޗަށް އެކުލެވޭ މަލްޓިޕޯލާ ނިޒާމެއް ދުނިޔޭގައި ގާއިމް ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރުވަނީ ވަރަށް ބޮޑަށް ތާއީދުކުރަން ފަށާފައެވެ. ސައުދީއާއި ތުރުކީ އަދި އިންޑިއާއާއި ބްރެޒިލް ފަދަ ގައުމުތަކުން ޔޫކްރެއިން ހަނގުރާމައާ މުއާމަލާތްކުރާ ގޮތުންނާއި ރަޝިއާއާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގައި ދުނިޔޭގެ އެހެން ގައުމުތައް ބައިވެރިވާން ދެކޮޅު ހެދުމަކީ މިކަމުގެ ހެކިތަކެވެ.
އަރަބި ދުނިޔެއަށް ބަލާއިރުވެސް ޒަމާނުއްސުރެ އެމެރިކާއަށް ބަރޯސާވަމުން ދިޔަ އަރަބި ދުނިޔެ މިހާރުވަނީ ޗައިނާއާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. އަނެއްކޮޅުން ޗައިނާ، ރަޝިއާ އީރާން ފަދަ ގައުމުތައް އިގްތިސާދީ ގޮތުން ގުޅިގެން މަސައްކަތް ކުރަންފަށާފައިވާއިރު ތުރުކީވަނީ ނޭޓޯގައިއޮވެ އެމެރިކާއަށް ގޮންޖަހައި އެމެރިކާއަށް ނުކިޔަމަންތެރިކަން ދައްކަން ފަށާފައެވެ.
އަނެއްކޮޅުން އިންޑިއާއާއި ރަޝިއާ ޗައިނާ އަދި ބްރަޒިލް ހިމެނޭ ބްރިކްސްގެ ގައުމުތަކާއި އެނޫން ގައުމުތައް ހިމެނޭ ޝެންހާއި ކޯޕަރޭޝަންގެ ގައުމުތައް ގުޅިގެން ވަނީ އެމެރިކާ ޑޮލަރުގެ މައްޗަށް ބަރޯސާނުވާ އައު މާލީ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.