ގިޔާސުއްދީން ސްކޫލުން ހުޅުމާލޭގައި ދިރިއުޅޭ އެ ސްކޫލު ދަރިވަރުންނަށާއި މުވައްޒަފުންނަށް ޚާއްސަކޮށް ބަހުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން ގިޔާސުއްދީން ސްކޫލުގެ އެޗްއާރު ހެޑް އަހުމަދު ނައީމް "ސަން"އަށް މިއަދު ވިދާޅުވީ، މި ހިދުމަތް ދިނުމުގެ މައިގަނޑު މަގުސަދަކީ ބެލެނިވެރިންނަށާއި ދަރިވަރުންނަށް ފަސޭހަ ގޮތެއް ހޯދައިދިނުމަށާއި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އަދި މި ޚިދުމަތް ދިނުމަށް ސްކޫލުން ވިސްނީ ބެލެނިވެރިންގެ އެދުމުގެ މަތިންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޚިދުމަތް ސްކޫލުން ފޯރުކޮށްދެނީ، ބަހުގެ ޚިދުމަތް ދޭ ބަޔަކާ ގުޅިގެން ދަރިވަރުން އަތުން ފީއެއް ނަގައިގެނެވެ. މިކަމާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ އެމްޓީސީސީއާ ވެސް މަޝްވަރާ ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

"އެބޭފުޅުންނަށް އޭރު ސްކޫލުން ނަގައިގެން ގެންދާ ގޮތަށް ޚިދުމަތް ދެވެން ނެތީމަ އިއުލާނު ކޮށްގެން އެކަމަށް އެޕްލައި ކުރި ޕާޓީތަކާ އެއްކޮށް މަޝްވަރާ ކުރެވުނީ. ދެން އެންމެ ރަނގަޅު ކަމަށް ފާހަގަ ކުރެވުނު ޕާޓީއާ އެއްކޮށް އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ،" ނައީމް ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ގިޔާސުއްދީން ސްކޫލު ދަރިވަރުންނަށް ބަހުގެ ޚިދުމަތް ފަށާފައި ވަނީ، މި ޓާމުގެ ފުރަތަމަ ދުވަހުއެވެ. އެއީ، މިދިޔަ އާދިއްތަ ދުވަހުއެވެ.

"އަދި މިހާތަނަށް ވަރަށް ރަނގަޅަށް މި ޚިދުމަތް މި ދަނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނައީމް ވިދާޅުވީ، ބަހުގެ ޚިދުމަތަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އެޗްޑީސީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށެވެ.

"ޕޮލިހުންގެ ފަރާތުން އަޅުގަނޑުމެން އަންނަ ގަޑީގަ މަގުގެ ޓްރެފިކް ފްލޯ މެނޭޖް ކޮސްދެއްވާ. ދެން ކުދިން ބަހަށް އަރާގަޑީގަ ކަފިހި ހުރަހުން ކުދިން ހުރަސްކުރުމަށް އެހީވެދެއްވާ،" ނައީމް ވިދާޅުވިއެވެ.