12 Jan 2023, 16:16
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޯގްރެފިކް ސާވޭގެ މަސައްކަތް އުތުރުގެ ރަށްތަކުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޯގްރެފިކް ސާވޭ ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އިންޑިއާއާ ގުޅިގެންނެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" އިން އުތުރުގެ ހއ. ހދ، އަދި ށ. އަތޮޅުގެ ރަށްތަކުގެ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސާވޭ ކުރަން އިންޑިއާ ނޭވީގެ މަނަވަރު "އައިއެންއެސް އިންވެސްޓިގޭޓާ" އެ ރަށްތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
މިމަހު 19އިން 28ގެ ނިޔަލަށް އެ ސާވޭ ކުރިޔަށް ގެންދަން ނިންމައިފައިވާއިރު ސާވޭގައި ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަންނާނެއެވެ. އެގޮތުން، ކުދި އުޅަނދު ފަހަރާއި ހެލިކޮޕްޓަރު ބޭނުން ކޮށްގެން ވެސް މައުލޫމާތު އެއްކުރާނެއެވެ.
ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން މުޅި ރާއްޖޭގެ ގިރިފަަރުތަކުގެ މައުލޫމާތު އެއްކޮށް، ރަށްތަކުގެ ކޯސްޓްލައިން ކުރަހާ އަދި ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗާ މާކް، ޓައިޑްޕޯލް ހަރުކުރާނެއެވެ.
ހައިޑްރޯގްރަފީ ދާއިރާއިން އިންޑިއާގެ ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކުރީ ޖޫން، 8، 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އުފެއްދާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މި ސާވޭތަކުގެ ސަބަބުން ދަތުރުކުރަން ބޭނުން ކުރާ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކަމަކު، ސޭވޭއަކީ ރާއްޖޭގެ ސަރަހައްދުގެ މައުލޫމާތު އެއްކުރަން އިންޑިއާ އިން ހިންގާ ކަންބޮޑުވާން ޖެހޭ ފަދަ ސާވޭއެއް ކަމަށް ބުނެ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.