12 Jan 2023, 10:28
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުން, އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ގައިސް އިސްތިއުފާދެއްވުމާއެކު އެ ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.
މިދިޔަ އާދިއްޔަ ދުވަހު ގައިސް އިސްތިއުފާ ދެއްވީ މިމަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހަރަކާތްތެރި ވުމަށެވެ.
އެއާއެކު މެމްބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެ ކަމަށް ފޯމު ހުށަހަޅަންވަނީ އިއުލާންކޮށްފައެވެ. އެ ކަމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު މި މަހު 22 އަދި 23ގައި ބަލައިގަންނާނެކަމަށް ވެސް އިއުލާންގައިވެއެވެ.
އެ ދެ ދުވަހު ވެސް ފޯމު ބަލައިގަންނާނީ ހެނދުނު 09:30 އިން މެންދުރު 12:30އާ ދެމެދު ރައީސް އޮފީހުންނެވެ.
މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހަ މެމްބަރުންނަކީ:
މަރިޔަމް ވަހީދާ: ކޮމިޝަނުގެ ރައީސް
- އަމްޖަދު ވަހީދު: މެމްބަރު
- ޢަލީ ޔޫސުފް: މެމްބަރު
- އާމިނަތު އަމީނާ: މެމްބަރު
- މުހައްމަދު ފަޒީން: މެމްބަރު
- ޝިފްލާ އިބްރާހީމް: މެމްބަރު
ބްރޯޑްކޮމް އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަންގެ މެމްބަރުންނަށް ލިބެނީ ފަސް އަހަރުގެ ދައުރެކެވެ.