12 Jan 2023, 10:23
ވޮޝިންޓަން (12 ޑިސެންބަރު 2022): އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ކަންކަން އޮޕަރޭޓްކުރާ އެއާނެވިގޭޝަން ސިސްޓަމް (ނޯޓަމް) ކުރިމަތިވި ފަންނީ މައްސަލައާ ގުޅިގެން ކުއްލި ގޮތަކަށް ހުއްޓުނު ދަތުރުތައް އަލުން ފެށުނުނަމަވެސް އަދިވެސް މުޅިން ހަމައަކަށް ނޭޅޭކަމަށް އެމެރިކާގެ އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
އެއިދާރާއިން ބުނިގޮތުގައި ވައިގެ ދަތުރުފަތުރުގެ ކަންކަން އޮޕަރޭޓްކުރާ އެއާނެވިގޭޝަން ސިސްޓަމް (ފްލައިޓް މިޝަންތަކަށް އެލާޓްދޭ ސިސްޓަމް)އަށް ކުއްލި ގޮތަކަށް މައްސަލަ ކުރިމަތިވީ ކޮމްޕިއުޓަ ސިގްނަލަކުން އެސިސްޓަމަށް އައި މެސެޖެއްގެ ސަބަބުންނެވެ.
މި މަލްފަންކްޝަންގެ ސަބަބުން އެމެރިކާގެ ހުރިހާ ސްޓޭޓްތަކެއްގެ ވައިގެ ދަތުރުތައް ލަސްވެގެން އަނެއްބައި ދަތުރުތައް ކެންސަލް ކުރަންޖެހުނެވެ. މިމައްސަލަ 10 ވަރަކަށް ގަޑީއިރަށް ދިގު ދެމިގެންދިޔައެވެ. އެމެރިކާގެ ވައިގެ ދަތުރުފަތުރުގައި ހުރިހާ ސްޓޭޓް ތަކެއްގައިވެސް ބޭނުންކުރަނީ އެއްސިސްޓަމެކެވެ. އެއީ "ނޯޓިސް ޓު އެއާމިޝަންސް" (ނޯޓަމް) ސިސްޓަމެވެ.

މިއީ ފާއިތުވި 20 އަހަރު ތެރޭގައި އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވި އެންމެބޮޑު މައްސަލައެވެ. މިމައްސަލަ ކުއްލިގޮތަކަށް ދިމާވުމުން މިކަމުގެ ސަބަބު އެމެރިކާގެ ދަތުރުފަތުރަބެހޭ ވުޒާރާއަށާ އެނޫންވެސް ކަމާބެހޭ އިދާރާތަކަށް ދެނެގަނުވުނީ ވަރަށް ލަހުންނެވެ. ކުރިން ހީކުރެވުނީ މިއީ ސައިބާ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއްކަމުގައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ މިކަން ހިގަން މެދުވެރިވި ސަބަބު އޭނާއަށްވެސް އަދި އޭނާގެ ސަރުކާރުގެ ދަތުރުފަތުރަބެހޭ ވަޒީރަށްވެސް އެނިގިފައިނުވާކަމަށް ވިދާޅުވެ އެވަގުތު ބަޔާނެއް ދެއްވާފައެވެ. ބައިޑެން ވިދާޅުވެފައިވާ ގޮތުގައި އެކަމުގެ ހަގީގަތްދަނީ ބަލަމުންނެވެ.
ނަމަވެސް ފަހުން އެމެރިކާގެ ދަތުރުފަތުރަބެހޭ ވަޒީރު ޕީޓް ބުޓިގޭގް ވަނީ މިއީ އެމެރިކާގެ ވައިގެ ދަތުރުފަތުރާބެހޭ އެއާނެވިގޭޝަން ސިސްޓަމަށް އައި ސިގްނަލެއްގެ ސަބަބުން އައި މެސެޖަކުން ވީކަމެއްކަން ހާމަކުރައްވާފައެވެ. މިފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދިނުމަށް ކުރަންޖެހޭކަންކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާކަންވެސް ބުޓިގޭގް ހާމަކުރެއްވިއެވެ.
އެމެރިކާގެ މިޑިއާ ރިޕޯޓްތައް ބުނާގޮތުން ވައިގެ ދަތުރުފަތުރާބެހޭ ސިސްޓަމަށް އެރި ފަންނީ މި ލޮޅުމުގެ ސަބަބުން އަށް ހާހަށްވުރެ ގިނަ ފްލައިޓްތައް ލަސްވިއެވެ. އަދި ހާހެއްހާ ފްލައިޓް ކެންސަލްވިއެވެ. ސިސްޓަމަށް އައި ސިގްނަލްގެ ސަބަބުން އަންނަ މެސެޖްތަކުން ދިންކަމަށްވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފާނެ ކަމުގެ އިންޒާރެވެ.
މިމެސެޖްތައް މިސިސްޓަމްގައި ހިމެނޭ ޕައިލެޓުންށަށާއި އެއާމިޝަންތަކަށް އެލާޓްގެ ގޮތުގައި ދެނީ ވައިގެ އެކްސިޑެންޓެއް ހިނގައިފާނެކަމުގެ އިންޒާރެވެ. މިމެސެޖްތައް އައިނަމަވެސް އެމެރިކާގެ އެއާޕޯޓްތަކަށް ޖައްސާ ފްލައިޓްތައް ކުރިޔަށް ދިޔައެވެ. ހުއްޓުމަކަށް އައީ ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްތަކަށެވެ.
އެމެރިކާގެ އެއާޕޯޓްތަކުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 21 ހާހަށްވުރެ ފްލައިޓް އުދުއްސާލާ ކަމަށްވެއެވެ. އަދި އެމެރިކާގައި 24 ގަޑީއިރު ތެރޭގައި 2.3 މިލިޔަން މީހުން ވައިގެ ދަތުރުތަކުގައި އުޅޭކަމަށްވެއެވެ. އެމެރިކާގެ ވައިގެ ދަތުރުފަތުރަށް ދިމާވި މިމައްސަލައިގެ އަސަރު ގާތްގަނޑަކަށް 1.2 މިލިޔަން މީހުންނަށް ކުރިކަމަށް މައުލޫމާތު ލިބެއެވެ. އިއްޔެ ދިމާވި މައްސަލައިގެ ސަބަބުން އެމެރިކާގެ އެއާޕޯޓްތައްވަނީ ތޮއްޖެހި މުޅިން ތަރުތީބު ގެއްލިފައިވާ ހާލަތަކަށް ގޮސްފައެވެ.