12 Jan 2023, 08:55
ވެރިކަމުގެ ދަހިވެތިކަމުގައި މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފިއެވެ.
މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައީސް ޞާލިހް ވަނީ ނުސީދާ ގޮތެއްގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ކެމްޕޭނަށް ބ. އަތޮޅަށް ވަޑައިގެން ނަޝީދު ވަނީ ރައީސް ޞާލިހް އުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މި ދައުރު އެކީ ނިންމަވައި އަނެއްކާ އެހެން ދައުރެއްގެ ވާހަކަ ރައީސް ޞާލިހް ދައްކަވަމުން އަންނަ އިރު ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރާ ވާހަކަ ވެސް އެ މަނިކުފާނު ދައްކަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ރިޔާސީ ތިންވަނަ ދައުރެއް ބޭނުންފުޅުނުވާ ކަމަށާއި އަދި، ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުން ވެސް ވެރިކަމާއި ފެޔަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހެއް. އެހެންވެ، ރިޔާސީ އިންތިހާބަކަށް ކުރިމަތިލައިގެން މި ހުރީ. ބަރުލަމާނީ ނިޒާމަށް އަޅުގަނޑު ތާއީދު ކުރާ ނަމަ އަޅުގަނޑު ރިޔާސީ އިންތިހާބަކަށް ކުރިމައްޗެއް ނުލީސް. އެހެންވީމާ ތިބޭފުޅުން ކުރިއަށް މި އޮތް ޕްރައިމަރީގައި ވަރަށް ފުންކޮށް ވިސްނަވާފައި ވޯޓު ދެއްވަން ވާނީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ނުސީދާ ގޮތެއްގައި ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ނޫޅުއްވާ ކަމަށާއި ވެރިކަމަށް ދަހިވެތިވެވަޑައިގެން އުޅުއްވަނީ ނަޝީދު ކަމަށެވެ.

ރޭ ހުޅުމާލޭގައި ބޭއްވި "އެމްޑީޕީ ކުރިއަށް" ކެމްޕޭން ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ
"ވެރިކަން، ވެރިކަން، ނޫން އެއްޗެއް ނެތް، ނިޒާމު ބަދަލުކޮށްގެން ވިޔަސް، ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް، ވެރިކަމަށް އަންނަން އުޅެނީ ކާކުކަން އެނގޭނެ،" ނަޝީދު ދެއްކެވި ވާހަކައަށް އިޝާރަތް ކުރައްވައި ރައީސް ޞާލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް އައީ އެންމެ ބޭފުޅަކު ކުރި ތާއީދަކުން ނޫން ކަމަށާއި އިންތިޚާބު ކާމިޔާބުކުރީ 138،000 އެއްހާ މީހުން ދިން ވޯޓުން ކަމަށެވެ.
"އަޅުގަނޑަށް މި މަގާމަށް އާދެވުނީ އެންމެ މީހެއްގެ ތާއީދަކާ އެކުގައެއް ނޫން. އެތައް ހާސް ރައްޔިތުންގެ ތާއީދާއި ވޯޓުން، ވެރިކަމުގައި ދެމި މި ހުރެވުނީ ވެސް އެންމެ މީހެއްގެ ތާއީދަކާ އެކުގައެއް ނޫން. ތި އެންމެހާ މީހުންގެ ތާއީދާއި މަދަދާއި އެއްބާރުލުން ލިބިގެން،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ. ފޯރިގަދަ ޕްރައިމަރީ ވޯޓުލުން އޮންނާނީ މިމަހު 28ގައެވެ.