މަސްތުވާތަކެތީގެ ފަރުވާ ފުރިހަމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 242 މީހުން އަނބުރާ މުޖުތަމައަށް ނެރެފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ހާމަކޮށްފިއެވެ.

އެންޑީއޭއިން އާއްމުކުރި ތަފާސް ހިސާބުގައިވާ ގޮތުން މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ޖުމުލަ 1017 މީހުންނަށް މިދިޔަ އަހަރުގެ ނިޔަލަށް ފަރުވާ ދީފައިވާއިރު މިވަގުތު ފަރުވާ ހޯދަމުން އަންނަ 775 މީހުން އެބަތިއްބެވެ.

ސެންޓަރުތަކުގައި މިވަގުތު ފަރުވާ ހޯދާ މީހުންގެ އަދަދު

  • މާލޭ ކޮމިއުނިޓީ ސާވިސް ސެންޓަރު: 317 މީހުން
  • ކ. ހިންމަފުށީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު: 146 މީހުން
  • ހުޅުމާލޭ ހާފްވޭ ހައުސް: 143 މީހުން
  • ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮސްކްސިފިކޭޝަން ސެންޓަރު: 111 މީހުން
  • ގަގަން ކްލިނިކް: 89
  • ޏ. ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު: 55 މީހުން
  • ސ. ހުޅުދޫ، ވިލުނު ސެންޓަރު: 36 މީހުން
  • ކ. ގުޅީ ސެންޓަރަލް ޑިޓޮކްސިފިކޭޝަން ސެންޓަރު: 16 މީހުން
  • ހުޅުމާލޭ ހާފްވޭ ހައުސް ފީމޭލް ރީހޭބިލިޓޭޝަން ސެންޓަރު: 7 މީހުން
  • ހުޅުމާލޭގެ ސެމީ ރެސިޑެންޝަލް ހާފްވޭ ހައުސް: 6 މީހުން
  • ގއ. ވިލިނގިލި، ދަގެނާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު: 19 މީހުން
  • ޗިލްޑްރަންސް ކޮމިއުނިޓީ ރީހޭބިލިޓޭޝަން ސާވިސް: 3 ކުދިން

ޑްރަގް ސެންޓަރުތަކުގައި ޖާގަ ނެތިގެން ފަރުވާ ބޭނުންވާ ގިނަ ބަޔަކު ކިޔުގައި މަޑުކޮށްގެން މިހާރު ވެސް އެބަތިއްބެވެ.

އެންޑީއޭގެ ސީއީއޯ އިމާދު ޞާލިޙް "ސަން"އަށް ވިދާޅުވީ މި އަހަރުގެ ޖެނުއަރީން ފެށިގެން އެ ހުރިހާ މައްސަލައެއް ހައްލުކޮށް ސެންޓަރުތަކުގެ ފުލް ކެޕޭސިޓީގައި ކްލައިންޓުން ނެގޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ފަހުން ކުށުގެ ރެކޯޑާ ނުލާ ޑިޓޮކްސިފިކޭޝަން ސެންޓަރުތަކުގެ ޕްރޮގްރާމް ތެރެއަށް ކޮންމެ މީހަކަށް ވެސް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.