12 Apr 2012, 13:56
އަންނަ ހޮނިހިރު ދުވަހު ބާއްވާ ހަތަރު ބައި އިލެކްޝަނުގެ އިންތިޒާމްތައް ހަމަޖެއްސުމަށް 18 ބޭފުޅުންގެ ޓީމެއް އިންތިހާބު އޮންނަ ރަށްތަކަށް މިއަދު ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ހދ. ކުމުންދޫ އަށާއި ކ. ގާފަރަށް އަދި ތ. ގާދިއްފުށްޓަށް ދެ އޮފިޝަލުން ފޮނުވާފައިވާ ކަމަށާއި އަދި ކ. ކާށިދޫ، ތ. ތިމަރަފުށި، އަދި ތ. ގުރައިދޫ އިން ކޮންމެ ރަށަކަށް ހަތަރު އޮފިޝަލުން ފޮނުވާފައިވާ ކަމަށާއި އެ ބޭފުޅުންގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ވެސް ހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ ވޯޓު ފޮށިކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ޓްރެއިނިން ޕްރޮގްރާމް ހިންގުމުގެ އިތުރުން ވޯޓުދޭ މީހުން އެޑިއުކޭޝަން ޕްރޮގްރާމް ހިންގުމަށް ވެސް ރާފައިވާ ކަމަށެވެ.
އެގޮތުން ސެކިއުރިޓީންނާއި ކެންޑިޑޭޓުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ އިތުރުން އޮބްޒަވަރުނާއި މޮނިޓަރުންނަށް އަމާޒުކޮށްގެން ހާއްސަ ސެމިނާއެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
އިންތިހާބު ބާއްވާ ރަށްތަކުގެ ރައްޔިތުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް މާދަމާ ރެ އަށް އިންތިޒާމް ކޮށްފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަށް ވަޑައިގެންނެވި ބޭފުޅުންނާ އެކު ވޯޓު ކަރުދާހާއި ވޯޓުލާ ދުވަހަށް ބޭނުންވާނެ އެހެނިހެން ތަކެތި ވެސް މިއަދު ވަނީ ފޮނުވިފައި ކަމަށް ވެސް އިލެކްޝަނުން ބުނެ އެވެ.
ހޮނިހިރު ދުވަހު އިންތިހާބު އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއާއި ތިމަރަފުށީ ދާއިރާގެ ގޮނޑިއާއި ހދ. ކުމުންދޫ ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑިއާއި ތ. ގާދިއްފުށީ ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ އިންތިހާބެވެ.