12 Jan 2023, 00:18
މާޒީއަށް ބަލާއިރު، ރައީސް މުހައްމަދު ނަޝީދަކީ ވެރިކަމުގެ ލަގަން ދެއްވާވަރުގެ ބޭފުޅެން ނޫން ކަމަށް ސިފަވާފަދަ މޭރުމަކުން ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވާހަކަދައްކަވައިފިއެވެ.
"އިބޫ 2023 އެމްޑީޕީ ކުރިއަށް" މި ނަމުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާގައި، ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި، ޕްރައިމަރީގައި އަނެއްކޮޅުން ވާދަކުރައްވާ ރައީސް ސާލިހް ވިދާޅުވީ، ރައީސް ނަޝީދަށް ވެރިކަން ދެއްވައިގެން ފަހަތުގައި ތިބެވިދާނޭ ކަމަށެވެ. ނަމަވެސް މާޒީއަށް ބަލާއިރު، އެކަން އެގޮތަށް ކުރުމުގެ މާނައެއް ނެތްކަމަށާއި، 2008 ވަނަ އަހަރު ވަނަ އަހަރު ރައީސް ނަޝީދަށް ވެރިކަން ދިނުމުން ދައުރު ފުރިހަމަ ނުކުރެއްވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި ޒިންމާ އަދާކުރައްވަމުން ގެންދަވާތާ ހަތަރު އަހަރު ފުރިގެންދިޔައިރު، ގެނެވުނު ބަދަލުތައް ފެންނަން އެބައޮތް ކަމަށެވެ.
"ކުރިއާ ހިލާފަށް މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ. އަޅުގަނޑުމެން ބޭނުން ވަނީ މިކަން ދަމަހައްޓަން. ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ދެއްވާއިރު، މިކަންތައްތަކަށް ސަމާލުވާންޖެހޭ،" ރައީސް ސާލިހް ވިދާޅުވިއެވެ.
މިރޭ ބޭއްވި ޖަލްސާގައި ރައީސް ސާލިހް ވަނީ، އެމްޑީޕީ ޕްރައިމަރީ ކެމްޕެއިން ދަތުރުގައި ބ.އަތޮޅުގެ ރަށްތަކަށް ރައީސް ނަޝީދު ވަޑައިގެން ދައްކަވަމުން ގެންދަވާ ބައެއް ވާހަކަފުޅުތަކަށް ނުސީދާގޮތެއްގައި ރައްދު ދެއްވާފައެވެ.
މިއަދު ބ. ހިތާދޫއަށް ވަޑައިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ސާލިހް ވެރިކަމަށް ގެނައީވެސް ހުދު އެމަނިކުފާނު ކަމަށެވެ. މިގޮތުން ރައީސް ސާލިހް މަޤާމުން ބާލާނީވެސް ރައީސް ނަޝީދުކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ނަޝީދުގެ ނަން ނުގަނެ ނުސީދާ ގޮތެއްގައި ރިއެކްޓް ކުރައްވަމުން ރައީސް ސާލިހް ވިދާޅުވީ ވެރިކަމަކީ ވަކި މީހަކު ދެއްވާ އެއްޗެއް ނޫންކަމަށާއި، އެއީ ހިތްވަރާއެކު މަސައްކަތްކުރުމުން މާތްﷲ ދެއްވާ އެއްޗެއް ކަމަށެވެ. މިގޮތުން ﷲ ގެ އަޅުތަކުންނަށް އޮތީ ހިތްވަރާއެކު މަސައްކަތް ކުރުން ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް ސާލިހް ވިދާޅުވީ، ރައީސް ނަޝީދުގެ ހިތުގައި ވެރިކަންނޫން އެއްޗެއް ނެތް ކަމަށެވެ. މި ގޮތުން ޤާނޫނުތަކަށް ބަދަލު ގެނެސްގެން ތިން ދައުރު އަދާކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުމަކީ ވެރިކަމުގެ ދަހިވެތިކަން އެމަނިކުފާނުގެ ހިތުގައި އޮތް މިންވަރު ދޭހަވާކަމެއްކަމަށް ރައީސް ސާލިހް ތުހުމަތު ކުރެއްވިއެވެ.
ރައީސް ސާލިހް ވިދާޅުވީ، މިހާރުއޮތް ރިޔާސީ ނިޒާމަށް އެމަނިކުފާން އިހުތިރާމު ކުރައްވާނޭ ކަމަށާއި، ދެ ދައުރު ހަމަވުމަށްފަހު ދެން ވެރިކަމަށް ކުރިމަތި ނުލައްވާނެ ކަމަށެވެ.