12 Apr 2012, 13:46
އެއްމާބަނޑު ދެކުދިންނާ ބައްޕަ ޖިންސީގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ނ. މަނަދޫގައި 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނާމެދު ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކުރީ މިއަދު ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެއް މާބަނޑު ދެކުދިންނާ ބެހިގެން ހައްޔަރުކުރި އެކުދިންގެ ބައްޕައަކީ މަނަދޫ އަންހެނަކާ އިނދެގެން އުޅޭ ގދ. ފަރެސްމާތޮޑާ މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށް ވެސް މަނަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެމީހާ އަދި ބުނީ އެއްމާބަނޑު ދެކުދިންނާ އެކުދިންގެ ބައްޕަ ތަކުރާރުކޮށް ބެހިފައިވާ ކަމަށް ބުނާ ކަމަށެވެ.
އޭނާ އަދި ބުނީ ހައްޔަރު ކުރި މެދު އުމުރުގެ ފިރިހެން މީހާއަކީ މީގެ ކުރިން ވެސް މަނަދޫ މީހަކާ އިނދެ ކުދިން ލިބިފައި ހުރި މީހެއް ކަމަށެވެ. އަދި މިހާރު އިނދިގެން އުޅޭ އަންހެން މީހާއަށް ލިބިފައި ތިބި އެއްމާބަނޑު ދެކުދިންގެ އިތުރުން، އޭނާގެ ކުޑަ ތިން އަންހެން ކުދިން ތިބެ އެވެ.