11 Jan 2023, 21:10
އައިޓީއެފް އޭޝިއާ 14 އެންޑް އަންޑާ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިންގެ ސެމީފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.
އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ރާއްޖޭގެ އަންހެން އަދި ފިރިހެން ޑަބަލްސްގެ ޕެއާ ޓީމެވެ.
ރާއްޖޭގެ އަންހެން ޓީމު އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާފައިނަލުގައި ބަންގްލަދޭޝްގެ އަޚްތަރު ސުމިޔާ އާއި ހުމައިރާ ހައިދަރު 6-4 އަދި 6-4 އިން ބަލިކޮށްގެންނެވެ. ސެމީ ފައިނަލަށް ދަތުރުކުރީ ރާއްޖޭގެ އިމާނީ މޫސާ ކާލިމް އާއި ނަބާ ނިޝާންގެ ޕެއާއެވެ.
ސެމީ ފައިނަލުގައި ރާއްޖޭގެ އަންހެން ޓީމު ވާދަކުރަން ޖެހޭނީ މިޔަންމާގެ އެންމެ ވަރުގަދަ ޔޫތު ޕެއާ އާއެވެ.
މީގެއިތުރުން ސެމީ ފައިނަލުން ރާއްޖޭގެ މުހައްމަދު ނޫހު ނާޒިހު އާއި އާދަމް އާލް ނިޔާޒުގެ ޕެއާ ޖާގަ ހޯދީ ކުއާޓާފައިނަލުގައި ކެމްބޯޑިއާގެ ލާ ޕްލަނޭޓާ އާއި ރަތާނަކްގެ މައްޗަށް ކުރިހޯދައިގެންނެވެ.
ރާއްޖޭގެ ފިރިހެން ޓީމު ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ޕާކިސްތާނުގެ ހަމްޒާ ރޯމަން އާއި ތަލްހާ އަބޫބަކުރުގެ ޕެއާއެވެ.
މިހާރު ބަންގްލަދޭޝްގައި ކުރިއަށްދާ އެ މުބާރާތް ފަށައިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި އެ މުބާރާތް މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެެ.
ރާއްޖޭގެ އިތުރުން އިތުރު 15 ޓީމެއް ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ. އެއީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް، ބޫޓާން، ބްރޫނާއި، ކެމްބޯޑިއާ، ޗައިނާ، ޗައިނީސް ޓައިޕޭ، ޖަޕާން، ލާއޯސް، މަކާއު، މޮންގޯލިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާންގެ އަދި ޓިމޯ ލެސްޓޭ އާއި ސިންގަޕޫރެވެ.