11 Jan 2023, 16:31
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް އެފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދަން ފަށައިފިއެވެ.
އާރަށު މައްސަލައިގާ ދައުލަތުން އުފުލި ދެ ދައުވާވެސް ސާބިތުވެ، ޖަލަށްލާން ދަށު ކޯޓުން ހުކުމް ކުރިއިރު އެމަނިކުފާނަކީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ.
އެޕާޓީން އިއްޔެ ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމަރަލް މުހައްމަދު ފައްޔާޒް ގަލާނީއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އެޕާޓީން ވަނީ ޔާމީން މިނިވަންކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައެވެ.
އެކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޕާކިސްތާނު ހައި ކޮމިޝަނަރާ ބައްދަލުކުރެއްވީ ޔާމީން މިނިވަންކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި، އެ ބައްދަލުވުމުގައި އެކަމާ ގުޅިގެން މަޝްވަރާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
"އިތުރު އެމަބްސީތަކާއެކު ވެސް ރައީސް ޔާމީން މިނިވަން ކުރުމަށް މަޝްވަރާ ކުރާނަން" އޭނާ ވިދާޅުވިއެވެ.
އިދިކޮޅުން އަދިވެސް ބުނަމުން އަންނަނީ އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ޔާމީން ކަމަށެވެ. އަދި، އެމަނިކުފާނަށް ކޮށްފައިވަނީ "ހަރާމް ހުކުމެއް" ކަމަށް ބުނެ އިދިކޮޅުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.