12 Apr 2012, 12:19
ދިވެހި ރާއްޖޭގެ ކުޅިވަރު ގައުމީ މަޖިލީހުގެ އާ ގަވާއިދު އިސްލާހު ތަކަކާއި އެކު ފާސްކޮށްފި އެވެ.
އާ ގަވައިދުގެ ދަށުން ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އެސޯސިއޭޝަންތަކުން މަޖިލީހުގައި އިންނަވާ ކޮންމެ ވެސް ބޭފުޅެކެވެ. އަދި މި މަޖިލީހުގައި ކުޅިވަރާ ބެހޭ ވަޒީރު ނުހިމަނުއްވަ އެވެ. މީގެ އިތުރުން ބައެއް އެސޯސިއޭޝަންތަކަށް މެމްބަރޝިޕްދޭން ނިންމައި މިހާރު ތިބި 15 މެމްބަރުންގެ އަދަދަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ނަމަވެސް ތަފްސީލު އަދި ވަނީ ލިބޭވަރުނުވެފަ އެވެ.
ކުޅިވަރު ގައުމީ މަޖިލިހަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ސިޔާސަތު ކަނޑައެޅުމުގައާއި، ދިވެހިރާއްޖޭގައި ކުޅިވަރު ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް އެކަންކަން ކުރެވޭނެ މަގުތައް ހޯދުމަށާއި، ކުޅިވަރުގެ ޤައުމީ ޖަމްޢިއްޔާތަކުގެ ޙަރަކާތްތަކަށް އެހީތެރިވެދިނުމާއި، ކުޅިވަރުގެ ރޮނގުން މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދީ ވާގިވެރިވުމުގައި، ސަރުކާރުން އެވަގުތަކު ކުޅިވަރުގެ ކަންކަން ހިންގުމަށް ޙަވާލުކުރެވިފައިވާ ވަޒީރަށް އެހީތެރިވެ ދިނުމަށް އުފައްދަވާފައިވާ މަޖިލީހެކެވެ.
ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވީ، މިނިސްޓްރީގެ ފަރާތުން އެކިއެކި ޑިޕާޓްމަންޓްތައް އިސްކޮށް ހިންގަވާ ބޭފުޅުން އެމަޖިލީހުގައި ތިއްބެވުމާއި ވީހާވެސް މިނިވަންކޮށް އެމަޖިލިސް ހިންގެވުމަށް ކުޅިވަރު އެސޯސިއޭޝަންތަކުން ބޭފުޅުން ވަޑައިގެން އެއިން ކޮންމެވެސް ބޭފުޅަކު ސްޕޯޓްސް ކައުންސިލް ޗެއާރ ކުރެއްވުން ރަނގަޅު ކަމަށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގައި ތިއްބެވީ ކުޅިވަރަށް ވަރަށްގިނަ ޚިދުމަތްކުރައްވާފައިވާ ފަންނީ ގާބިލް ބޭފުޅުންކަމަށާއި، އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި މިދާއިރާގެ ޚިޔާލާއި ވިސްނުން ތަނަވަސްވެގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅު ވިއެވެ.