ދަތުރުކުރަމުންދިޔަ ޕްރައިވެޓް ޖެޓެއް ވެއްޓިގެން މަރުވި އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ, ކާޑިފް ސިޓީން ގަތް އަގުގެ ފުރަތަމަ އިންސްޓޯލްމަންޓް ނަންޓޯސްއަށް އެ ޓީމުން ދައްކައިފިއެވެ.

ސަލާ މަރުވެފައިވަނީ 2019 ވަނަ އަަހަރު ކާޑިފްއާ ގުޅުމަށް އެ ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް އޭނާ ދަތުރުކުރި ޕްރައިވެޓް ޖެޓު ވެއްޓިގެންނެވެ.

ކާޑިފުން އުމުރުން 28 އަހަރުގެ ސަލާގެ ސޮއި ހޯދީ ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޑޮލަރަށެވެ. ސަލާ ގަންނަން ކާޑިފުން ދައްކަން އެއްބަސްވި އަގުދޭން އެ ކްލަބުން ދެކޮޅު ހަދާތީ ނޯންޓްސް އިން ވަނީ އެ މައްސަލަ ފީފާއަށް ހުށަހަޅައިފައެވެ.

އެ މައްސަލަ ބެލުމަށްފަހު ފީފާއިން ވަނީ ސަލާގެ ޓްރާންސްފާ ފީ އިންސްޓޯލްމަންޓުތަކަކަށް ބަހާލައިގެން ދެއްކުމަށް އަންގައިފައެވެ. އަދި ފުރަތަމަ އިންސްޓޯލްމަންޓު ފީ އެއްގެ ގޮތުގައި 6.9 މިލިއަން ޑޮލަރު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ދައްކަން ފީފާއިން ވަނީ އެ ޓީމަށް އަންގައިފައެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި ކާޑިފްއިން ނޯންޓްސްއަށް އެ ފައިސާ ދައްކައިފައި ނުވާތީ ފީފާއިން ވަނީ ތިން ޓްރާންސްފާ ވިންޑޯގައި އެ ޓީމަށް ކުޅުންތެރިން ނުގެނެވޭގޮތަށް އަދަބުދީފައެވެ.

ކާޑިފުން ސަލާގެ ސޮއި ހޯދާފައިވާކަން އިއުލާންކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުއެވެ. އޭގެ ދެ ދުވަސް ފަހުން ސަލާ މަރުވި ހާދިސާ ހިނގިއިރު، ސަލާއަށް ދަތުރުފަތުރު ކުރުމުގެ ކަންތައްތައް ކާޑިފުން ހަމަޖައްސައި ނުދޭތީ ނޯންޓްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަލާގެ ޓްރާންސްފާ އަކީ އިންޓަނޭޝަނަލް ޓްރާންސްފާ އަކަށްވާތީ އޭގެ ކަންތައްތައް ކުރިއަށްގެންދަން ޖެހެނީ ފީފާގެ މެންޑޭޓަރީ ސިސްޓަމެއްގެ ތެރެއިންނެވެ. އެގޮތުން ފީފާއަށް ހުށަހަޅަން ޖެހޭ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓްގެ ކަންތައްތައް ވަނީ ނޯންޓްސް އިން ފުރިހަމަކޮށްފައެވެ.