11 Jan 2023, 16:54
ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ އާދީއްތަ ދުވަހު ހުޅުވާލުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.
ގައުމީ އިނާމު ދިނުމުގެ އުސޫލަށް ގެނައި މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް، 60 އަހަރުވި ނަމަވެސް ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުޞޫލު ބަދަލުކުރުމެވެ.
ދެވަނަ ބަދަލެއްގެ ގޮތުގައި މިހާރު އުސޫލު އޮންނަ ގޮތުން ކުންފުނި، ޖަމިއްޔާ ޖަމާއަތްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާތީ، އެ ފަރާތްތަކަށް ވެސް، ޚިދުމަތުގައި 35 އަހަރުވުމުން ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ބަދަލު ކުރުން ހިމެނެއެވެ.
މީގެއިތުރުން، މިހާރު އިނާމު ދެމުން ދާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއް މި އަހަރު އިތުރުކުރާ ގޮތަށްވެސް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. އިތުރުކުރި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކަލިނަރީ އާޓްސްގެ ދާއިރާ އާއި އިންޖިނިއަރިންގެ ދާއިރާއެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާއަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައިވުމާއި ޚިދުމަތްކުރި މުއްދަތުގެ ޖުމްލަ 35 އަހަރު ވެފައި ވުމުންނެވެ.
ހަމައެއާއެކު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމުގައި އެ ފަރާތަކުން ނުވަތަ ޖަމިއްޔާ ޖަމާއަތަކުން ދިވެހި ގައުމަށާއި މުޖުތަމައަށް ފައިދާހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ގައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ކޮމިޓީއިން ބަލާ ގޮތަށް ވަނީ ނިންމާފައެވެ.
ހިތްވަރު ދިނުމުގެ އިނާމު ދޭނީ، އެ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ޚިދުމަތް ކުރުމުންނެވެ. އަދި، ކުންފުނި ޖަމުއިއްޔާ ޖަމާއަތެއް ނަމަ މަދުވެގެން 10 އަހަރު ޚިދުމަތް ކުރުމުންނެވެ.
މި އަހަރު ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.