11 Jan 2023, 16:09
އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ފޯވާޑް ޔާއޯ ފެލިކްސް ލޯނު އުސޫލުން ޗެލްސީއަށް ބަދަލުވެއްޖެއެެވެ.
ދުނިޔޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނިގޮތުގައި ޗެލްސީން ފެލިކްސްގެ ސޮއި ހޯދީ ޖޫން މަހުގެ ނިޔަލަށް އެ ޓީމުގައި މަޑުކުރާގޮތަށެވެ.
އެހެންނަމަވެސް ޗެލްސީން ޓްރާންސްފާ ފީއެއްގެ ގޮތުގައި 11 މިލިއަން ޔޫރޯ އެތުލެޓިކޯ މެޑްރިޑަށް ދޭނެއެވެ. އަދި ފެލިކްސްގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ވެސް ލޯނުގެ މުއްދަތުގެ ތެރޭގައި ދައްކާނީ ޗެލްސީންނެވެ.
ފެލިކްސް އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ހަތަރުވަނަ އަށް އެންމެ އަގުބޮޑުކޮށް ކުލަބު ބަދަލުކުރި ކުޅުންތެރިޔާއެވެ. އޭނާ 2019ވަނަ އަހަރު ބެންފިކާ ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ 142 މިލިއަން ޑޮލަރުގެ އަގަކަށެވެ.
ބޮޑު އަގުގައި ގިނަ ޓީމުތަކުގެ ހުށަހެޅުމަށް ފުރަގަސްދީ ފެލިކްސް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ނަމަވެސް އޭނާގެ ފަރާތުން އެ ޓީމު އުންމީދުކުރި މޮޅު ކުޅުމެއް އަދި ދެއްކިފައެއް ނުވެއެވެ.
އެހެންވެ، މިދިޔަ އަހަރު ފެލިކްސް ވަނީ އަނގަބަހުން އޭނާ ކުލަބު ދޫކޮށްލަން ބޭނުންވާކަން އެތުލެޓިކޯ މެޑްރިޑަށް އަންގާފައެވެ. މި ސީޒަން ފެށުމުގެ ކުރިން އެތުލެޓީކޯ މެޑްރިޑްގެ ޓީމު ވަރުގަދަ ކުރުމަށް ބައެއް ކުޅުންތެރިން ދޫކޮށްލަން ލިސްޓު ކުރިއިރު ފެލިކްސްގެ ނަން އެލިސްޓުގައި ހިމެނުނެވެ.
ނަމަވެސް ފެލިކްސް ވިއްކާލަން އެތުލެޓިކޯއިން ކިޔާ އަގު ކަމަށްވާ 100 މިިލިއަން ޑޮލަރަށް އޭނާ ގަންނާނެ ކްލަބެއް އޭރު ނުވިއެވެ.
މި މަހުގެ 20ވަނަ ދުވަހު ގަތަރުގައި ނިމުނު ވޯލްޑްކަޕްގައި ފެލިކްސްގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން އަނެއްކާވެސް ގިނަ ކުލަބުތަކެއްގެ ލޯ މިވަނީ އޭނާއަށް އަމާޒުވެފައެވެ.
ވޯލްޑްކަޕްގައި ޕޯޗުގަލް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގައި ފެލިކްސް ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ.