ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގެ ވެއިޓަރު މަރާލި މައްސަލައިގައި އެ ރެސްޓޯރެންޓްގެ ޕާކިސްތާނު ކައްކާ، މުޙައްމަދު އާބިދުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދެވި ހުއްޓިފައި އޮންނަތާ ތިން މަސް ފަހުން އޭނާއަށް ވަކީލަކު ހަމަޖެހުމުން އަނެއްކާ ވެސް އަޑުއެހުންތައް ފަށައިފިއެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މީގެ ތިން މަސް ކުރިންނެވެ. ދައުލަތުން ހުށަހެޅި ތިން ހެއްކެއްގެ ހެކިބަސް ނެގުމަށް ބޭއްވި އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އާބިދުގެ ވަކީލު ތަނާޒުލް ވުމުންނެވެ.

ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދިނުމަށްފަހު މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ވެސް އާބިދު ހާޒިރުވެފައިވަނީ ވަކީލަކާ ނުލައެވެ. އާބިދު ބުނީ އޭނާއަށް ވަކީލަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ ބައްޕަ ކަމަށާއި ފޯނު ކޯލާއި އާއިލީ ބައްދަލުުވުން ލިބުމުގައި ދަތިތަކެއް ހުރުމުން އެކަމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ އައްޔަނުކުރި ވަކީލު ދެވަނަ ފަހަރު އައްޔަނުކުރުމަށް ފައިސާ ދީފައިވާނެ ކަމަށް ވެސް އާބިދު ބުންޏެވެ. ނަމަވެސް އެ އަޑުއެހުމަށް ވަކީލު ހާޒިރުވެފައިނުވާ ކަމަށް އޭނާ ބުންޏެވެ.

އެ ދުވަހުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވަނީ އާބިދުއަށް ވަކީލަކު އައްޔަނު ކުރުމަށް އިތުރުު ފުރުސަތު ދީފައެވެ. އެ މައްސަލައިގައި މިއަދަށް އަޑުއެހުމެއް ތާވަލްކުރި ނަމަވެސް އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދިފާއީ ވަކީލު އެދިލެއްވުމުންނެވެ.

އެގޮތުން ދިފާއީ ވަކީލް އެދިފައިވަނީ, އޭނާއަކީ އެ މައްސަލައަށް އަލަށް އައްޔަނުވި ވަކީލެއްކަމަށް ވުމުން މައްސަލަ ދިރާސާކުރުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެ ފުރުސަތު ވަކީލަށް ދިނުމަށް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމެވެ. ނަމަވެސް ޖިނާއީ ބޮޑު މައްސަލައަކަށްވުމުން ގާޒީ ވިދާޅުވެފައިވަނީ ވަކީލެއްގެ ހާޒިރުގައި ނޫނީ މައްސަލަ ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 16ވަނަ ދުވަހު އިރުއޮއްސުނު ވަގުތު ޚާންޖީ ރެސްޓޯރެންޓު ތެރޭގައެވެ. އަނިޔާ ލިބުނު ވެއިޓަރު މަރުވީ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި ފަޔަށް ވަޅިން ހަމަލާދީފައިވެއެވެ.

ވެއިޓަރަށް ހަމަލާ ދިނުމަށް ފަހު އާބިދު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އެ ރޭ، މެންދަމުން އަލިވެ، 02:30 ހާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ.