11 Jan 2023, 12:32
ރާއްޖޭގެ ހޮސްޕިޓަލެއްގައި އެންމެ ފުރަތަމަ ގާއިމުކުރި ޑީކޯވާ މީހުންނަށް ފަރުވާދޭ ޔުނިޓް އޭޑީކޭ ހޮސްޕިޓަލުގައި ގާއިމުކުރުމާއެކު ޑައިވަރުންނަށް ހިތްހަމަޖެހުން ގެނުވައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ގާއިމުކުރި ހައިޕަބެރިކް ޔުނިޓް ހުޅުވައިފައިވަނީ އިއްޔެ ބޭއްވި ހަފުލާއެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ.
ހައިޕަބެރިކް ޓްރީޓްމެންޓް ދެނީ ފީނަން ދާ މީހުން ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ)ވުމުގެ ސަބަބުންނެވެ.
މީގެ ކުރިން ޑީކޯއަށް ފަރުވާދޭ ހައިޕަބެރިކް ޗެމްބާސްތައް ގާއިމުކުރެވިފައިހުރީ ހަމައެކަނި ދެތިން ރިސޯޓެއްގައެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ގާއިމުކުރި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް ހުޅުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާން
އެކަމަށް ނިމުން ގެނެސް އޭޑީކޭގައި އިއްޔެ އެ ޔުނިޓު ހުޅުވައިފައިވަނީ ހައިޕަބެރިކް ޓްރީޓްމެންޓް ދޭ ޔުނިޓުގައި ދެ ޗެމްބާސްއާ އެކުއެވެ. އަދި އެކަމަށް ޚާއްސަ ތިން ޑޮކްޓަރުންނާއި އެކަމުގެ ތަމުރީން ލިބިފައިވާ ނަރުހުންގެ ޓީމެއް ވެސް އެ ޔުނިޓުގައި މަސައްކަތް ކުރާ ގޮތަށެވެ.
ހަމައެއާއެކު އޭޑީކޭ ހޮސްޕިޓަލްގައި ގާއިމުކޮށް މިއަދު ހުޅުވި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް ބައްޓަން ކޮށްފައިވަނީ އެ ފަރުވާ އެންމެ އެކަށީގެންވާ ގޮތުގައި ދެވޭނެ ގޮތަށެވެ.

އޭޑީކޭގައި ގާއިމުކުރި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް ހުޅުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާން
އެކަމާ ގުޅިގެން ރާއްޖޭގެ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާޒް (ޕެޑީ)ގެ ކޯސް ޑިރެކްޓަރު އަދި ޑައިވް ޑެސްކުގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) މިއަދު "ސަން"އަށް ވިދާޅުވީ މީގެ ކުރިން ރިސޯޓުތަކުގައި ހައިޕަބެރިކް ޗެމްބާސް ގާއިމުވެފައި ހުރި ނަމަވެސް އޭގެން އެންމެ އެކަށޭނެ ފަރުވާ ނުދެވޭ ކަމަށެވެ.
"އެތަންތާގަ ނުހުރޭ އެކަމާ ގުޅޭ ހާއްސަ ޑޮކްޓަރުންނެއް ވެސް. އަނެއްކާ ޑީކޯވާ މީހަކު އެއްތަނުން އަނެއްތަނަށް ގެންދިއުމަކީ ވެސް އެހާ ފަސޭހަކަމެއް ނޫން. އެކަމު އޭޑީކޭ އިން ދޭ ފަރުވާއަކީ ރާއްޖޭގެ ކެޕިޓަލްއިން ދެވޭ ފަރުވާއަކަށް ވީމަ އެއީ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭޑީކޭގައި އިއްޔެ ހުޅުވި ހައިޕަބެރިކް ޔުނިޓުން އެކަމަށް ޚާއްސަ ޑޮކްޓަރުންގެ ފަރާތުން ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ޑީކޯއަށް ފަރުވާދިނުމަކީ ޑައިވަރުންނަށް ލިބޭ އިތުރު އުފަލަކާއި ކުރިއެރުމެކެވެ.
އެގޮތުން ޑީކޯއަކީ ކިތަންމެ މަދުން ދިމާވާ މައްސަލައެއް ނަމަވެސް ކުރިއަށްވުރެ ރަނގަޅަށް އެންމެ އެކަށީގެންވާ ފަރުވާ މިހާރު އޭޑީކޭގައި ހުޅުވި ހައިޕަބެރިކް ޔުނިޓުން ލިބުމަކީ ޑައިވަރުންގެ ރައްކާތެރިކަމަށް ވެސް އެޅިގެންދާ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭޑީކޭގައި ގާއިމުކުރި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް ހުޅުވުމުގެ ތެރެއިން, ޕެޑީގެ ކޯސް ޑިރެކްޓަރު އަދި ޑައިވް ޑެސްކުގެ މެނޭޖިން ޑިރެކްޓަރު އާދަމް އަޝްރަފް --- ސަން ފޮޓޯ/ މުހައްމަދު ޝާން
މީގެ ކުރިންވެސް ޑީކޯގެ މައްސަލަތައް ރާއްޖޭގައި ވަނީ ދިމާވެފައެވެ.
އެ މައްސަލަ ދިމާވަނީ ފީނަން ޖެހޭ މިންވަރަށްވުރެ އަޑިއަށް ފީނައިގެން އިންސާނާގެ ހަށިގަނޑަށް ލިބޭ އެކި ކަހަލަ ގެއްލުންތަކުގެ ސަބަބުންނެވެ. ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވި ކުރަން ހުއްދަ އޮންނަނީ އެންމެ ފުން ވެގެން 30 މީޓަރަށެވެ.
ނަމަވެސް މަސްވެރިން މިހާރު އެން ނަގަން 40 މީޓަރަށް ނުވަތަ ބައެއް ފަހަރު 50 މީޓަރަށްވެސް ފީނަން ޖެހެއެވެ. އެހާ އަޑިއަށް މަސްވެރިން ދަނީ 30 މީޓަރަށް ދާން ޚާއްސަކޮށްފައި ހުންނަ ފުޅިތަކުންނެވެ.
މީގެ ކުރިންވެސް ޑީކޯގެ މައްސަލަތައް ކުރިމަތިވެގެން ހަމައެކަނި އެކަމަށް ފަރުވާދެވެން ހުރީ ބަނޑޮސް އައިލެންޑް ރިސޯޓުގައި އެކަންޏެވެ. އެކަމުގެ ސަބަބުން އައްޑޫގައި ޑީކޯއަށް ފަރުވާދޭނެ އިންތިޒާމް ގާއިމުކުރުމަށް މި ސަރުކާރުން ނިންމި ނަމަވެސް އެކަން އަދިވެސް ނުވެއެވެ.