11 Jan 2023, 11:32
ދޮނިޔެކްސް (11 ޑިސެންބަރު 2022): ޔޫކްރެއިންގެ އިރުމަތީގައިވާ ސްޓްރެޓީޖިކް ސިޓީއެއްކަމަށްވާ ސޫލިދާރު އިން ޔޫކްރެއިންގެ ބާރުތައް ފައްސާލައި އެސިޓީ ހިފައިފިކަމަށް ރަޝިއާއަށް ތާއީދުކުރާ ޔޫކްރެއިންގެ ރަޝިއާ ދަރިކޮޅުގެ ހަނގުރާމަވެރިން ބުނެފިއެވެ.
ޔޫކްރެއިންގެ ދޮނިޔެސްކް ސަރަހައްދުގައި ރަޝިއާ ސިފައިންނާ ގުޅިގެން ހަނގުރާމަކުރާ ޖަމާއަތްތަކުން ބުނިގޮތުގައި އިއްޔެ އެމީހުންވަނީ ސުލިދާރު ގެ ކޮންޓްރޯލް ހޯދާފައެވެ. ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެފައިވާގޮތުގައި ރަޝިއާ ސިފައިންގެންދަނީ ސުލިދާރު ސިޓީ ގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ނަމަވެސް އެސިޓީއެއްކޮށް ހިފުނުކަން ރަޝިއާގެ ދިފާއީ ވުޒާރާއިން އަދި ކަށަވަރުކޮށެއް ނުދެއެވެ.
ޔޫކްރެއިންވެސްވަނީ ސުލިދާރު ސިޓީން އެގައުމުގެ ސިފައިން ފަހަތަށްޖެހެމުންދާކަމަށް އެއްބަސްވެފައެވެ. އަދި ރަޝިއާ ސިފައިންނާއި ރަޝިއާއަށް ވާގިވެރިވާ ދޮނިޔެކްސްގެ ހަނގުރާމަވެރިން ކުރިއަރަމުންދާކަންވެސް އެ ގައުމުން ބުންޏެވެ. ޔޫކްރެއިންގެ ދިފާއީ ވަޒީރުގެ ނައިބު ވިދާޅުވިގޮތުގައި ސުލިދާރު ސިޓީގެ ބޮޑުބައެއްގައި ޔޫކްރެއިން ސިފައިންވަނީ މައިން ވަޅުލާފައެވެ. އެހެންކަމުން އެސިޓީއަށް ވަންނަ ރަޝިއާގެ ބާރުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެއެވެ.
ރަޝިއާ ސިފައިންނާއެކު ހަނގުރާމަކުރާ ދޮނިޔެސްކްގެ ހަނގުރާމަވެރިން ވަނީ އެސިޓީ އެމީހުންގެ އަތްދަށް ދިޔަކަން ރޭ ކަށަވަރުކޮށްދީފައެވެ. އެމީހުން ބުނާގޮތުން މިހާރު ކުރިއަށްދަނީ އެސިޓީގެ އެއްވެސް ތަނެއްގައި ޔޫކްރެއިން ސިފައިން ފިލައިގެން ތިބިކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމުގެ މަސައްކަތެވެ.

ރަޝިއާއިން ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތައް
ޔޫކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ވިދާޅުވިގޮތުގައި ސޫލިދާރުގެ އިތުރުން ދޮނިޔެސްކް ގެ އެހެން ސަރަހައްދުގައިވެސް ދަނީ ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ. މިހަނގުރާމައިގައި ޔޫކްރެއިން ސިފައިން ބޮޑެތި ދަތިތަކެއް ތަހައްމަލު ކުރަމުންގެންދާކަމަށް ޒެލެންސްކީ ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންނެވިއެވެ. އަދި ދޮނިޔެސްކްގައި ކުރާ ހަނގުރާމައިގާ ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ނަމަވެސް ޒެލެންސްކީ ވިދާޅުވިގޮތުގައި ހުޅަނގުން ލިބޭ ހަތިޔާރުގެ އެހީގައި ދޮނިޔެސްކް ހިމެނޭގޮތަށް ޔޫކްރެއިންގެ ހުރިހާ ސަރަހައްދުތަކެއް ރަޝިއާގެ ކިބައިން މިނިވަންކުރެވޭނެއެވެ.
ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކުގެ ތެރޭގައި ދޮނިޔެސްކް އާއި ލޮޣާންސްކް ހިމެނޭ ދުންބާސް ސަރަހައްދާއި ކްރައިމިޔާ ސަރަހައްދު ހިމެނެއެވެ. ކްރައިމިޔާ އެއްކޮށް ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮތްނަމަވެސް ދުންބާސް ސަރަހައްދުގެ ބައެއް ތަންތަން ޔޫކްރެއިންގެ ކޮންޓްރޯލް ދަށުގައި އަދިވެސް އެބައޮތެވެ.
ދޮނިޔެސްކްގެ ހަނގުރާމަވެރިން ހިފިކަމަށް ބުނާ ސޫލިދާރު ސިޓީއަކީވެސް މިހާތަނަށް ޔޫކްރެއިންގެ ކޮންޓްރޯލް ދަށުގައި އޮތް ސަރަހައްދެކެވެ. ސޫލިދާރު ސިޓީ ރަޝިއާއަށް ތާއީދުކުރާ ހަނގުރާމަވެރިންގެ އަތްދަށަށް ދިޔުމުގެ ޚަބަރާއެކު ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ޔޫކްރެއިން އަށް އިތުރު އަސްކަރީ އެހީތައް ދިނުމަށް އެމެރިކާއަށާއި ޔޫރަޕްގެ ބާރުތަކަށް ގޮވާލައްވާފައެވެ.
ޒެލެންސްކީ ހުޅަނގުގެ ގައުމުތައް ސިފަކުރައްވާފައިވަނީ ޑިމޮކްރެޓިކް ފްރީ ވޯލްޑްގެ ގޮތުގައެވެ. ނަމަވެސް ހުޅަނގާ އިދިކޮޅު ފަރާތްތަކުން ހުޅަނގުގެ ބާރުތައް ސިފަކުރަނީ ކުރީގެ އަނިޔާވެރި އިސްތިއުމާރީ ބާރުތަކުގެ ގޮތުގައެވެ. ޒެލެންސްކީ ވިދާޅުވިގޮތުގައި ފްރީ ވޯލްގެ ފުރިހަމަ އެހީތެރިކަން ލިބިއްޖެނަމަ ޔޫކްރެއިންއަށް ރަޝިއާ ތާރީޚީ ބައްޔަކުން ބަލިކޮށްލުމަކީ ކުރެވިދާނެކަމެކެވެ.
އަނެއްކޮޅުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިންވަނީ އެމެރިކާގެ ޕެޓްރިއޮޓް މަރުކާގެ މިސައިލް ނިޒާމު ބޭނުންކުރުމަށް ބޭނުންވާ ތަމްރީން ޔުކްރެއިންސިފައިން ދިނުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެކަން ހާމަކޮށްފައެވެ. މީގެއިތުރުން އެމެރިކާގެ މަސްއޫލުވެރިންވަނީ ޔޫކްރެއިން އަށް މިހާތަނަށް ނުދޭ ވަރުގެ ބާރުގަދަ ހަތިޔާރު ފޯރުކޮށްދޭނެކަމަށް އިއްޔެ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮންބާވަތެއްގެ ހަތިޔާރެއްކަން ސާފުކޮށްފައެއް ނުވެއެވެ.