ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް މާދަމާ އައްޑޫއަށް ވަޑައިގަންނަވަނީ ފޭދޫ ސްކޫލުން އިންތިޒާމު ކުރާ އެސްކޫލުގެ 50ވަނަ އަހަރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި، ފުލުހުންގެ 34ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ބައެއް ހަރަކާތްތައް ވެސް ކުރިއަށް ގެންދަވަން ވަނީ ނިންމައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވާއިރު، ދެން އެ އިންތިޚާބުގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

މިގޮތުން އެމަނިކުފާނު މިހާރު ގެންދަވަނީ ބ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގައި ނިޒާމާ ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިހް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ. ދެ ރައީސުން ވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.