11 Jan 2023, 09:28
މިއަހަރު ރިލީޒްކުރެވޭ ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމު "ޕަތާން"ގެ ޓްރެއިލާ ލޯންޗުކޮށްފިއެވެ. ޔާޝް ރާޖް ކުންފުނިން އުފައްދާ ވަރުގަދަ އެކްޝަން ފިލްމު "ޕަތާން"އަކީ އެކުންފުނިންވެސް މިއަހަރު ރިލީޒްކުރާނެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ އެއް މެގާ ޕްރޮޖެކްޓްވެސްމެއެވެ. އެކްޓަރު ޝާހްރުކް ޚާން، ޖޯން އަބްރަހަމް އަދި ބަތަލާ ދިޕިކާ ޕަދުކޯން ވަރަށް ވަރުގަދަ ރޯލްތަކުން ފެންނަ މިފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު ފިލްމާގުޅޭގޮތުން ޝައުޤުވެރި އެހެން މަޢުލޫމާތެއްވެސްވަނީ ޙިއްސާކޮށްފައެވެ.
ހިންދީ ބަހުން ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު، ތަމަޅަ ބަހުންވެސް "ޕަތާން"ގެ ޚާއްޞަ ޓްރެއިލާއެއް ރިލީޒްކުރުމަށްވަނީ ނިންމާފައެވެ. މިޓްރެއިލާ ރިލީޒްކުރުމަށް ނިންމާފައިވަނީ، މިއަދު ރިލީޒްކުރެވޭ ވަރުގަދަ ތަމަޅަ ދެ ފިލްމު "ތޫނިވޫ"އަދި "ވަރީސޫ" ފިލްމު މެދުވެރިކޮށެވެ.
މި ދެފިލްމު ސިނަމާތަކަށް ގެންނައިރު ބެލުންތެރިންނަށް "ޕަތާން"ގެ ޓްރެއިލާވެސް ދައްކާލެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ތަމަޅަ ފިލްމު "ތޫނިވޫ" އަދި "ވަރީސޫ"އަކީވެސް ބެލުންތެރިން އިންތިޒާރުކުރާ ވަރުގަދަ އެކްޝަން ދެ ފިލްމެވެ. ތަމަޅަ މިފިލްމުން ފެންނަ ސައުތް ސިނަމާގެ މަގުބޫލު ތަރިންކަމަށްވާ އަޖިތް ކުމާރު އަދި ޖޯސެފް ވިޖޭއެވެ. ޝާހްރުކްއާއި ގާތް ރަޙްމަތެރިކަން އޮންނަ ތަމަޅަ އެކްޓަރު ވިޖޭވަނީ ފިލްމު ޕްރޮމޯޓްކުރުމުގެގޮތުން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް "ޕަތާން"ގެ ޓްރެއިލާ ފޭނުންނާ ޙިއްސާކޮށްފައެވެ.
މިމަހުގެ 25ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާއިރު އެޑްވާންސްކޮށް ފިލްމުގެ ބުކިންގް ހެދުމުގެ ފުރުޞަތުވެސް މިހާރުވަނީ ހުޅުވާލާފައެވެ. ސިދާތް އާނަންދު ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ، 2018ވަނަ އަހަރު ރިލީޒްވި "ޒީރޯ"އަށްފަހު އެކްޓަރު ޝާހްރުކް ޚާންގެ ފުރަތަމަ ފިލްމެވެ.
ފިލްމުގައި ޝާހްރުކްގެ ފެންނަގޮތް މުޅީން ތަފާތުވެފައިވާއިރު ޓްރެއިލާއިން ފެންނަގޮތުގައި ފިލްމުގައި ބޮޑެތި ތަޅާފޮޅުންތަކެއް ފެންނާނެއެވެ. މިފިލްމަކީ، ބަތަލާ ދިޕިކާއާއި ޝާހްރުކްއަށް ވަރަށް ޚާއްޞަ ފިލްމެއްކަމަށް މީގެކުރިންވެސް ދެ ތަރިންވަނީ ބުނެފައެވެ.
ދެހާސް ހަތް ވަނަ އަހަރު ފިލްމު "އޯމް ޝާންތީ އޯމް"އިން ޝާހްރުކް ޚާންއާއެކު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާގެ ކެރިއަރުގައި ޝާހްރުކްއާއެކު ކުޅެފައިވާ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކެކެވެ. އޭގެތެރޭގައި، 2013ވަނަ އަހަރު ރިލީޒްވި "ޗެންނާއި އެކްސްޕްރެސް" އަދި 2014ވަނަ އަހަރު ރިލީޒްވި ފިލްމު "ހެޕީ ނިއު އިއާ" ހިމެނެއެވެ.