11 Jan 2023, 09:33
ދަ ނައިޓް މެނޭޖާ"ގެ ނަމުގައި ޑިޒްނީ ހޮޓް ސްޓާއިން ގެނެސްދޭ ވެބް ސީރީސްގެ ފުރަތަމަ ޕޯސްޓާ ދައްކާލައިފިއެވެ.
އެކްޓަރު އަނިލް ކަޕޫރު އަދި އަދިތްޔަ ރޯއި ކަޕޫރުގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާ މިވެބް ސީރީސްއަކީ، ކުރިން ބީބީސީ ވަންއިން ހަމަ އެނަމުގައި ގެނެސްދިން ސީރީސްގެ ރިމޭކްއެކެވެ.
ވެބް ސީރީސްގެ ފުރަތަމަ ޕޯސްޓަ އިންސްޓަގްރާމްގައި ހިއްސާކުރަމުން އެކްޓަރު އަނިލް ކަޕޫރު ބުނެފައިވަނީ، ދުނިޔެ ދެކޭނެ އެންމެ ވަރުގަދަ ޑީލަ ހުއްޓުވުމަށް ބޭނުންވާނެ ހަމައެކަނި ހަތިޔާރަކީ ހޮޓަލެއްގެ މެނޭޖަރެއްކަމަށެވެ. މިސީރީސްއިން ފެނިގެންދާނީ ނުހަމަގޮތުގައި ހަތިޔާރުގެ ވިޔަފާރި ހިންގާ ވިޔަފާރިވެރިޔަކު އަތުލައިގަތުމަށް ހޮޓަލެއްގެ ވިޔަފާރިވެރިއެއްގެ ބޭނުން ހިފާގޮތެވެ.
ޑައިރެކްޓަރު ސަންދީޕް މޯދީގެ މިސީރީސްގައި އަދިތްޔާ ފެނިގެންދާނީ އިނގިރޭސި ސީރީސްގައި ޓޮމް ހިޑްލްސްޓަން ކުޅުނު ރޯލްއިންނެވެ. އަނިލް ކަޕޫރު ކުޅޭނީ ހިއު ލޯރީ ސީރީސްގައި ކުޅެފައިވާ ބައެވެ. އަނިލް ކަޕޫރާއި އަދިތްޔާ ރޯއި ކަޕޫރު މީގެކުރިންވަނީ ފިލްމު "މަލަންގް"އިންވެސް ފެނިފައެވެ. މިފިލްމަކީ، 2020ވަނަ އަހަރު ރިލީޒްވި ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ. ފިލްމަށް ބޮކްސް އޮފީހުގައިވެސްވަނީ އެދެވޭ ކާމިޔާބީއެއް ޙާޞިލްކުރެވިފައެވެ. ވެބް ސީރީސް "ދަ ނައިޓް މެނޭޖާ"ގެ ފުރަތަމަ ޕޯސްޓަރާއެކު މިސީރީސްއަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭކަމަށްބުނެ ބައެއް ފިލްމީތަރިންވަނީ ރައްދު ދީފައެވެ.
މީގެކުރިން ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އެކްޓަރު އަދިތްޔަ ރޯއި ކަޕޫރު ބުނެފައިވަނީ، މިސީރީސްގެ އިނގިރޭސި ވާޝަންއަކީ، އޭނާއަށް ވަރަށް ކަމުދިޔަ ސީރީސްއެއްކަމަށެވެ.
ސީރީސްގައި ޓޮމް ހިޑްލްސްޓަން ކުޅެފައިވާ ރޯލަށް ފުރިހަމައަށް އިންސާފުކުރެވޭނެކަމުގެ އިތުބާރު އަމިއްލަ ނަފުސަށް އެބައޮތްކަމަށްވެސް އަދިތްޔަވަނީ ބުނެފައެވެ. ކުރިން އުފައްދާފައިވާ ސީރީސްގެ ރިމޭކްގެ ރޯލަށް އެކްޓަރަކު ފިޓްވެ އެރޯލް ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދިނުމަކީ، ވަރަށްބޮޑު ޒިންމާއެއްކަމަށާއި އެއީ އެކްޓަރެއްގެ އަމިއްލަ ކެރިއަރު ތަރައްޤީކުރުމަށްވެސް ލިބޭ ވަރަށްބޮޑު ފުރުޞަތެއްކަމަށް އަދިތްޔާވަނީ ބުނެފައެވެ.
އެކްޓަރު އަނިލް ކަޕޫރު ސީރީސްގައި ފެންނަ ވަރުގަދަ ޑީލަރުގެ ރޯލްގެ ޝެޑިއުލްވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެތެރޭ ނިންމާފައެވެ. ސީރީސްގެ ފުރަތަމަ ޝެޑިއުލް ނިންމާލަމުން އަނިލް ބުނެފައިވަނީ ނައިޓް މެނޭޖަރުގެ އޮފް ޑިއުޓީ އެހިސާބުން ފެށުނީކަމަށެވެ. މިސީރީސް ޑިޒްނީ ހޮޓްސްޓާއިން ރިލީޒްކުރާނެ ރަސްމީ ތާރީޚެއް އަދި އިޢުލާނުނުކުރެއެވެ.