ހޮލީވުޑްގެ މަގުބޫލު ބަތަލާ އޮސްޓްރޭލިއާ އެކްޓަރު މާގޯ ރޮބީގެ ފަހުގެ ފިލްމުތައް ފްލޮޕު ވެފައިވާތީ އޭނާގެ ކޮންފިޑެންސް ދަށްވެފައިވާ ކަމަށް ބުނެފިއެވެ.

ހޮލީވުޑްގެ އޭލިސްޓުންގެ ތެރޭގައި ހިމެނޭ މާގޯއަށް މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ ނާކާމިޔާބު އަހަރަކަށެވެ.

ބޮކްސް އޮފީހަށް މާގޯ ލީޑުން ފެންނަ ބޮޑު ބަޖެޓުގެ ގިނަ ފިލްމުތަކެއް ވަނީ ނިކުމެފައެވެ. ނަމަވެސް މި ފިލްމުތައް ވަނީ ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބި ޑިޖިޓަލްއަށް ގޮސްފައެވެ.

މާގޯ މިދިޔަ އަހަރު ފެނިގެން ދިޔަ ބޮޑު ބަޖެޓު ދެ ފިލްމަކީ "އެމްސްޓަޑޭމް" އާއި "ބެބިލޯން"އެވެ. މި ދެ ފިލްމުވެސް ވީ ބޮކްސް އޮފީހު ބޮޑު ދެ ފްލޮޕަށެވެ.

މާގޯގެ ގާތް މަސްދަރަކުން ބޭރުގެ ނޫހެއް ކަމަށްވާ ހޮލީވުޑް އިންސައިޑާއަށް މައުލޫމާތު ދިން ގޮތުގައި ފްލޮޕުތަކުގެ އަސަރު މިހާރު އޭނާގެ އަމިއްލަ ދިރިއުޅުމަށް ވެސް ދަނީ ކުރަމުންނެވެ.

އެގޮތުން އޭނާގެ ފިރިމީހާ ޓޮމް އެކަލީ އާއެކު އޮންނަ ގުޅުމަށް ވެސް މި ފްލޮޕްތަކުގެ ސަބަބުން އަންނަނީ އަސަރު ކުރަމުންނެވެ. ޓޮމް އަކީ މާގޯގެ ފިލްމު އެޑްވައިޒަރު އަދި ބައެއް ޕްރޮޖެކްޓުތަކުގެ ޕްރޮޑިއުސަރުވެސް މެއެވެ.

ކްރިޓީކުންގެ ފަރާތުން އިވެމުން އަންނަ އެއް ވާހައަކީ މިހާރު މާގޯއަށް އެންމެ އުހަށް އެރިފައި ހުރި ކަމަށެވެ. އެއަށްފަހު ދެން މާގޯ އަށް ދެވޭނެ އެންމެ ކުރިއަށް ދެވި ނިމުނީ ކަމުގައި ބައެއް ކްރިޓީކުން ބުނެއެވެ.

މާގޯގެ ފްލޮޕްތަކަށް ފަހު ދެން އޭނާ ފެންނާނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ބާބީ" އިންނެވެ. ބާބީ އަކީ މާގޯ ވެސް ތަފާތު އުއްމީދުތަކަކާއެކު ކާމިޔާބީއަކަށް ވާން ބޭނުންވާ ފިލްމެކެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 21ގައެވެ.