އެއްވެސް ރޯލަކަށް ހަށިގަނޑު އިތުރަށް ވަރުގަދަކޮށް ދެއްކުމަށްޓަކައި ސްޓެރޮއިޑްސް ނުވަތަ އެފަދަ އެއްވެސް ޑްރަގެއް ނަގާފައިނުވާނެ ކަމަށް މަޝްހޫރު އެކްޓަރު ހިއޫ ޖެކްމަން ބުނެފިއެވެ.

ތަފާތު ރޯލުތަކަށް އެކްޓަރުން ހަށިގަނޑު ވަރަށް ބޮޑަށް ބަދަލުކޮށްލައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި މަސްތައްލައި ވަރުގަދަ ކުރުމަށް ބައެއް އެކްޓަރުން އެކި ކަހަލަ ޑްރަގްސް ބޭނުން ކުރާ ކަމުގެ ވާހަކަތައް މީގެކުރިން ވެސް ދެކެވެއެވެ.

ޖެކްމަންގެ ހަށިގަނޑު އެންމެ ވަރުގަދަކޮށް ދައްކާލާފައިވާ އެއް ރޯލަކީ މާވެލްގެ "އެކްސްމެން" ފްރެންޗައިޒްގައި އޭނާ ކުޅުނު ރޯލެވެ. ޖެކްމަން ވަނީ ފްރެންޗައިޒްގެ ވުލްވަރިންގެ ރޯޯލުން ފެނިގެން ގޮސްފައެވެ. އޭނާ ވަނީ އެރޯލަށް ތަފާތު ޑައިޓެއް ގެންގުޅެ އެކި ކަހަލަ ވޯކްއަޓު ޖައްސާފައެވެ.

އެރޯލުން ޖެކްމަން ފެނުމާއެކު އެތައް ބަޔަކަށް އެކަމެއް ގަބޫލެއް ނުކުރެވުނެވެ. އަދި އޭނާގެ ހަށިގަނޑު ބައްޓަން ކުރުމަށްޓަކައި ސްޓެރޮއިޑްސް ބޭނުންކުރި ކަމަށް ބުނެ އެތައް ބަޔަކު ވާހަކަ ދެއްކިއެވެ.

އެކަމަށް އެންމެ ފަހުން ރައްދެއް ދެމުން ޖެކްމަން ބުނެފައިވަނީ ދުވަހަކުވެސް ސްޓެރޮއިޑްސް ނަގާފައިނުވާނެ ކަމަށެވެ.

ވޮލްވަރިންގެ ރޯލު ފުރިހަމަ ކުރުމަށް މަސައްކަތް ކުރި ކަމަށާއި އެއީ ވަރަށް މުހިއްމު ރޯލެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ސްޓެރޮއިޑްސް ނަގައިގެން ހަށިގަނޑަށް ބަދަލު ގެނެސް ކުޅެން ބޭނުންވާ ވަރަށް އެރޯލު މުހިއްމު ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ޖެކްމަން އެންމެ ފަހުން ވުލްވަރިންގެ ރޯލުން ފެނިގެން ގޮސްފައިވަނީ 2017ވަނަ އަހަރު ނެރުނު ފިލްމު "ލޯގަން" އިންނެވެ.