11 Jan 2023, 11:04
ގާތްގަނޑަކަށް 50،000 އަހަރުން އެއް ފަހަރު ނޫނީ ނުފެންނަ ޒާތުގެ ތަފާތު ގިނިހިލައެއް މާދަމާ އުޑުމަތިން ފެންނާނެ ކަމަށް ސައިންސުވެރިން ބުނެފިއެވެ.
ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އޭޖެންސީ (ނާސާ) އިން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުގައި ވަނީ ސައިންސުވެރިންނަށް އާ ގިނިހިލައެއް ފެނިފައެވެ. ދުނިޔެއާ ވަރަށް ދުރުން ދަތުރުކުރަމުންދާ މި ގިނިހިލަ ފެނިފައިވަނީ ކެލިފޯނިއާގެ ޒްވިކީ ޓްރާންސިއެންޓް ފެސިލިޓީގެ ސައިންސުވެރިންްނަށެވެ.
ފާއިތުވި 50،000 އަަހަރުގެ ތެރޭގައި މި ގިނިހިލަ އިރާ އެންމެ ގާތުން ދަތުރުކުރާނީ މާދަމާކަމަށް ނާސާއިން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން މި ގިނިހިލަ އުޑުމަތިން ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.
ސީ/2022 އީ3 ކިޔާ މި ގިނިހިލައަކީ އިރު ވަށައިގެން ދަތުރުކުރާ ގިނިހިލައަކަށް ވި ނަމަވެސް މި ގިނިހިލަގެ އޯބިޓުގެ އެންމެ ބޭރު ބައި ހިމެނެނީ މި ގެލެކްސީއަށް ވުރެ ބޭރުގައެވެ. ނަތީޖާއެއް ގޮތުން މި ގިނިހިލައަށް ވަށައި ބުރެއް ހަމަކުރުމަށް އެތައް ހާސް އަހަރެއް ވެއެވެ.
އުޑުތަކާއި ތަރިތަކުގެ ވާހަކަތައް ގެނެސްދޭ އާތުސްކައި އިން ބުނިގޮތުގައި ގިނިހިލަ އެންމެ ރީތި ކޮށް ބަލާލެވޭނީ ދުނިޔޭގެ އުތުރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށެވެ. އަދި އެ ބަލާލުމަށް ދުރުމިއެއް މުހިއްމުވާނެ ކަމަށްވެސް އާތުސްކައި އިން ބުނެއެވެ.
މި ގިނިހިލަ މާދަމާ އިރާ އެންމެ ގާތްވާއިރު ދުނިޔެއާ އެންމެ ގާތްކޮށް ފެންނާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ދުވަހުގައެވެ. އިރު އޮއްސުމަށްފަހު މި ގިނިހިލަ އިންސާނުންނަށް ފެންނާނީ ޕޮލާރިސް ތަރި އާއި ނޯތު ސްޓާ އާ ދެމެދުންނެވެ.
ސައިންސުވެރިން ބުނާގޮތުގައި މި ގިނިހިލަ ދުނިޔެއާ ގާތްވާ ވަރަކަށް އަންނަނީ އޭގެ އަލިކަން އިތުރުވަމުންނެވެ. އަދި މިހާރު ދާ ސްޕީޑުގައި އަލިވާނަމަ އިތުރު އެއްޗެއް ބޭނުން ނުކޮށްވެސް އަންނަ މަހުގެ ތެރޭގައި ގިނިހިލަ ފެނުން އެކަށީގެންވެއެވެ. މި ގިނިހިލަ ފެންނާނީ ފެހިކުލައިން ކަމަށް ސައިންސުވެރިން ބުނެއެވެ.