ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އެންގުމަށް ބާ ކައުންސިލުން އިދިކޮޅުގެ ވަކީލުންގެ ހައްގުތަކަށް އަރައިގަތުމަށް މަޝްވަރާކުރަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފިއެވެ.

އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވަކީލުންނަށް ބިރުދެއްކުމުގެ ގޮތުން ބާކައުންސިލުން މިހާރު އެ ކޯލިޝަންގައި ހިމެނޭ ދެ ވަކީލެއްގެ މައްސަލަ ބަލަން ތައްޔާރުވަމުން ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން ލޯޔަރު އާދަމް އާސިފް އާއި ލޯޔަރު މުޙައްމަދު ރާޣީބް އަހުމަދުގެ މައްސަލަ ބެލުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކޯލިޝަންގެ ބަޔާނުގައިވެއެވެ. އޭގެ އިތުރުން އާސިފްގެ މައްސަލަ ބަލަނީ ސީދާ ކްރިމިނަލް ކޯޓުގެ އެންގެވުމަށް ކަމަށް ތުހުމަތު ކޮށް، ބަޔާނުގައި ބުނީ ރާޣިބް ގެ މައްސަލަ ބަލަނީ އެޓާނީ ޖެނެރަލްގެ އިސްނެގުމުގެ މަތިން ބާކައުންސިލުން ކަމަށެވެ.

އެހެންކަމުން އެ ކޯލިޝަންގެ ލީގަލް ޓީމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ހެދިފަހުރި ޤާނޫނު ތަކާ ޚިލާފް ނުވާނެ ގޮތުގެ މަތިން ފާޅުކުރަމުންދާ ޚިޔާލުތަކަށް ހުރަސް އަޅާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި މިސަރުކާރާއި ގުޅިގެން ބާ ކައުންސިލުން ކުރަމުންދާ މަސައްކަތަކީ ޢައިރު ދުސްތޫރީ މައްސަލަ ތަކެއްކަމަށްވާތީ އެ މަސައްކަތް ކުށްވެރިކޮށް އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް، އެ ކޯލިޝަނުން ގޮވާލާފައިވެއެވެ.

ބަޔާނުގައި ބުނީ ގާނޫނު އަސާސީގެ، 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދެވޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމާއި، 53 ވަނަ މާއްދާއިން ލިބިދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިދެއްގައި ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީ ކަށަވަރު ކޮށްދޭ ކަމަށެވެ.

އޭގެ އިތުރުން ގާނޫނު އަސާސީގެ 30 ވަނަ މާއްދާއިން ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށްވެސް ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެހެންކަމުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުން ރައްޔިތުން މަޙްރޫމް ކޮށް، ގޮށްމުށުގެ ބާރުން ވެރިކަން ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކުށްވެރި ކުރާކަމަށް ބަޔާނުގައި ތަކުރާރު ކޮށް ފާހަގަ ކޮށްފައިވެއެވެ. އަދި ގާނޫނު އަސާސީގެ އިމުގެ ތެރޭގައި ވެރިކަން ކުރުމަށް ވެސް ގޮވާލާ ކަމަށް ބަޔާނުގައި ވެއެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން ބާކައުންސިލުގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.