10 Jan 2023, 23:07
ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ޚަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭގޮތަށް، ފައިސާ ހޯދައިގެން ހައްދުންމަތީ ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ އެއާޕޯޓަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ނިންމަވައިފިއެވެ.
ރައީސް ޞާލިހު އެކަން އިއުލާންކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވަނީ ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހައްދުންމަތީ ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ އެއާޕޯޓަކަށް ހެދުމަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު ކަމަށެވެ.
ލ. އަތޮޅު ތަރައްގީކުރުމުގެ ގޮތުން އެ އަތޮޅުގެ ކައްދޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.
އަތޮޅުތެރޭގައި އެޅުމަށް ނިންމާފައިވާ ހަ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދުމަށް މިހާރުވެސް ބައެއް ކުންފުނިތަކާއެކު ސަރުކާރުން ވަނީ އެއްބަސްވުންތަކެއް ހަދާފައެވެ. އޭގެ އިތުރުން ކ. ގިރާވަރުފަޅުގައި ރެސިޑެންޝަލް ސިޓީއެއް ތަރައްގީއެއް ކުރުމަށް ވެސް ކަނޑައަޅާފައި ވަނީ އެ އުސޫލުންނެވެ.
ރައީސް މިއަދު ނެރުއްވި އެ ގަރާރުގައި ބުނީ ރާއްޖޭގެ ހަ ސަރަޙައްދެއްގައި އެއާޕޯޓް އެޅުމަށް މަޝްރޫއަށް ޚަރަދުކުރަން ޖެހޭ އެންމެ ދަށް މިންވަރަކީ ތިން މިލިއަން ޑޮލަރު ކަމަށެވެ. އަދި ގިރާވަރުފަޅު ހިއްކައި އެ ތަނުގައި ރެސިޑެންޝަލް ސިޓީއެއް ޤާއިމް ކުރުމަށް ޚަރަދު ކުރަންޖެހޭ އެންމެ ދަށް އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަސް މިލިއަން ޑޮލަރެވެ.
ކްރޮސް ސަބްސިޑީގެ އުސޫލުން މަޝްރޫތައް ހިންގުމުން ސަރުކާރަށް އެ ކަމުން ލިބޭ ފައިދާ ބޮޑުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ދާދިފަހުން ވިދާޅުވެފައިވެއެވެ.