ސަރުކާރު ބަދަލުވި ގޮތާ ބެހޭ ގޮތުންނާއި ސަރުކާރު ބަދަލުވުމަށް މެދުވެރިވުމަށް މެދުވެރިވިކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން މައުލޫމާތު ސާފުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންކުއަރީ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން މުލީއާގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ރައީސް އިސްމާއީލު ޝަފީއު މިއަދު ވިދާޅުވީ ސިޔާސީ މަޝްރަހުގައި ހިނގައި ދިޔަ ހާދިސާތަކާ ގުޅިގެން ރައީސް ނަޝީދު އިސްކޮށް ހުންނެވި އެމްޑީޕީ އާ މަޝްވަރާ ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ބެކްގްރައުންޑް މައުލޫމާތުތައް ހޯދުމަށް ފަހު ކުރީގެ ރައީސް ނަޝީދުގެ އަރިހުން މައުލޫމަތު ސާފުކުރުމަށް އެދި ވަޑައިގެންނަވާނެ ކަމަށެވެ.

"ބެކްރައުންޑުގައި ހޯދަން ޖެހޭ މައުލޫމާތުތަކާއި އެހެނިހެން ފަރާތްތަކުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމަށް ފަހު އެމަނިކުފާނަށް[ކުރީގެ ރައީސް ނަޝީދަށް] މިކަމުގެ މައުލޫމާތު ދެއްވުމަށް ދަންނަވާލާނަން. ދެން ދަންނަވާލީމާ އެހިސާބުން އެކަން ދާގޮތެއް ބަލާނީ. ދެން އަޅުގަނޑުމެންގެ އުންމީދަކީ ދެން މިކަމާ ގުޅިގެން އެމަނިކުފާނު މައުލޫމާތު ނުދެންވަންވީ ސަބަބެއް ނެތް. އެހާހިސާބަށް ދިޔައީމާ އަޅުގަނޑުމެން އެކަމާ ވިސްނާނީ،" ޝަފީއު ވިދާޅުވި އެވެ.

ކޮމިޝަނުގެ މެންބަރު ޑރ. އިބްރާހިމް ޔާސިރު ވިދާޅުވީ މިހާރު ފުރަތަމަ ސްޓޭޖްގެ މަޝްވަރާތައް ކުރިއަށް ދާއިރު އެމްޑީޕީ އެކު މަޝްވަރާތައް ފެށިގެން ކުރިއަށް ގެންދާ ކަމަށާއި މިހާރު ފުރަތަމަ ސްޓޭޖްގެ މަޝްވަރާތައް ފެށިގެން ދާ ކަމަށެވެ.

ކޮމިޝަނުގެ މެންބަރު ވިދާޅުވީ އެމްޑީޕީން ކޮމިޝަނާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނަމުންދާ އިރު ކަންބޮޑުވުންތަކަކަކީ ކޮބައިކަން ވެސް ދެނެގަނެވޭނީ ވާހަކަ ދައްކައިގެން ކަމަށާއި އެގޮތުން އެމްޑީޕީގެ ކަންބޮޑުވުންތައް ވެސް ސާފުކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

ޑރ. ޔާސިރު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް ނިމޭ އިރު މިހާރު ޖަވާބުނުލިބި ހުރި ސުވާލުތައް ކަމަށްވާ ސަރުކާރު ވައްޓާލެވުނީ ބަޣާވާތަކުންތޯ ނުވަތަ ނޫންތޯ ސާފުކުރުމަށް ވަރަށް މަސައްކަތްކުރައްވާނެ ކަމަށާއި އެކަމާ ގުޅެ ގޮތުން މައުލޫމާތު ހޯދާ އިރު ހޯދަން ޖެހޭ ބޭރުގެ ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަބަލަން އުފައްދާ ސުވާލުތަކަށް ޖަވާބު ދެވޭތޯ އެކަމަކު ހުރިހާ ސުވާލުތަކަށް ޖަވާބު ނުދެވި ހިނގައިދާނެ. ލިބިފައި ހުރި މައުލޫމާތުގެ އަލީގައި އަޅުގަނޑުމެން ޖަވާބު ދެވެން ހުރި ހުރިހާ ސުވާލްތަކަށް ޖަވާބު ދޭނަން. ވަރަށް ބޮޑަށް ބަހުސްކުރެވޭނެ ސުވާލެއް ބަޣާވާތެއްތޯ؟ ނޫންތޯ؟ އެކަމުގައި ބޭރުގެ ގާނޫނީ ލަފާ ހޯދުމަށް އެބަ މަސައްކަތް ކުރަން. ރިޕޯޓް ނިމޭ އިރު ބަލާނަން އެސުވާލްތަކުގެ ޖަވާބު ހޯދޭތޯ،" ޔާސިރު ވިދާޅުވި އެވެ.

ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު އިންކުއަރީ ކޮމިޝަން އުފެއްދި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުން މިއަހަރުގެ 14 ޖެނުއަރީ ފެށިގެން 8 ފެބްރުއަރީގެ ނިޔަލަށް ހިނގާފައިވާ ކަންތައްތައް ބަލައި ހޯދައި އަންނަ މެއި މަހުގެ 31ގެ ނިޔަލަށް ރައީސުލްޖުމްހުރިއްޔާ އަށާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށާއި ބަންޑާރަ ނައިބަށް އެ ރިޕޯޓް ހުށަހެޅުމަށް ވަނީ ބުނެފަ އެވެ.