10 Jan 2023, 20:25
ރާއްޖޭގެ ހޮސްޕިޓަލެއްގައި އެންމެ ފުރަތަމަ ގާއިމުކުރި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް އޭޑީކޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.
އޭޑީކޭގައި މިއަދު ހަވީރު ބޭއްވި ހަފުލާގައި އެ ޔުނިޓް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްއެވެ.
އޭޑީކޭގެ ހައިޕަބެރިކް ޓްރީޓްމެންޓް ދޭ ޔުނިޓުގައި ދެ ޗެމްބާސް ވަނީ ގާއިމް ކޮށްފައެވެ. އަދި އެކަމަށް ހާއްސަ ތިން ޑޮކްޓަރުންނާއި އެކަމުގެ ތަމުރީން ލިބިފައިވާ ނަރުހުންގެ ޓީމެއް ވެސް އެ ޔުނިޓުގައި މަސައްކަތް ކުރާނެއެވެ.

އޭޑީކޭގައި ގާއިމުކުރި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް ހުޅުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާން
އޭޑީކޭގައި ގާއިމުކޮށް މިއަދު ހުޅުވި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް ބައްޓަން ކޮށްފައިވަނީ އެ ފަރުވާ އެންމެ އެކަށީގެންވާ ގޮތުގައި ދެވޭނެ ގޮތަށެވެ.
އެ ޔުނިޓް ހުޅުވުމަށް މިއަދު ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ފީނުމަކީ ޓުރައިޒަމް ސިނާއަތުގެ މުހިއްމު ހިއްސާއެއްވާ ދާއިރާއެއް ކަމަށެވެ. އަދި އެންމެ މަގުބޫލް މަންޒިލުގެ ގޮތުގައި ރާއްޖެ ފައިތިލަ ސާބިތުކުރުމަށް މަގުފަހިވާގޮތަށް ކޮށްދޭ ކަންކަމަށް އަބަދުވެސް މަރުޚަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ އޭޑީކޭއިން މަންފާ ހޯދުމަށް ދޭން ފަށާ ޚިދުމަތެއްގެ ގޮތުގައެއް ނުދެކެން. އޭގެ ބަދަލުގައި ޑައިވަރުންގެ ސޭފްޓީއަކަށް ދޭ ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑަށް ހައިޕަބެރިކް އޮކްސިޖެން ޗެމްބާސްތައް ސިފަވީ ހީލިންގ މެޝިނެއް ގޮތަށް،" އޭނާ ވިދާޅުވިއެވެ.

އޭޑީކޭގައި ގާއިމުކުރި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް ހުޅުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާން
އެ ހަފުލާގައި ވާހަކަދައްކަވަމުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ހޮސްޕިޓަލެއްގައި އެފަދަ ތެރަޕީދޭ ޔުނިޓެއް ގާއިމުކުރުމަކީ ޑޮކްޓަރުންނަށާއި އެހެން އާއްމު ރައްޔިތުންނަށް ވެސް ލިބޭ އުފަލެއް ކަމަށެވެ.
އެގޮތުން އޭޑީކޭއިން ހައިޕަބެރިކް ތެރަޕީގެ ޚިދުމަތް ލިބޭނީ ހަމައެކަނި ފީނަން ގޮސް އުޅޭއިރު ދިމާވާ ހާދިސާތަކުން ކުރިމަތިވާ ކަންތައްތަކަށް އެކަނި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަށިގަނޑުގައި ހުންނަ ފާރުތައް ފަސޭހަކޮށްދީ ހަށިގަނޑުގައި ހުންނަ ޖަރާސީމު ނައްތާލުމަށް ވެސް މި ޗެމްބާސް ބޭނުންކުރެވޭނެ. ހަމައެކަނި ތަފާތުވާނީ އެކި ކަންކަމަށް ބޭނުންކުރާ ޓްރީޓްމެންޓުތައް ތަފާތުވުން،" އޭނާ ވިދާޅުވއެިވެ.

އޭޑީކޭގައި ގާއިމުކުރި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް ހުޅުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާން
ހައިޕަބެރިކް ޓްރީޓްމެންޓް ދެނީ ފީނަން ދާ މީހުން ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ)ވުމުގެ ސަބަބުންނެވެ. ޑީކޯ ވުމުގެ މައްސަލައަކީ މީގެ ކުރިން ވެސް ރާއްޖޭގައި ދިމާވެފައިހުރި ކަމެކެވެ.
އެ މައްސަލަ ދިމާވަނީ ފީނަން ޖެހޭ މިންވަރަށްވުރެ އަޑިއަށް ފީނައިގެން އިންސާނާގެ ހަށިގަނޑަށް ލިބޭ އެކި ކަހަލަ ގެއްލުންތަކުގެ ސަބަބުންނެވެ. ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވި ކުރަން ހުއްދަ އޮންނަނީ އެންމެ ފުން ވެގެން 30 މީޓަރަށެވެ.
ނަމަވެސް މަސްވެރިން މިހާރު އެން ނަގަން 40 މީޓަރަށް ނުވަތަ ބައެއް ފަހަރު 50 މީޓަރަށްވެސް ފީނަން ޖެހެއެވެ. އެހާ އަޑިއަށް މަސްވެރިން ދަނީ 30 މީޓަރަށް ދާން ހާއްސަކޮށްފައި ހުންނަ ފުޅިތަކުންނެވެ.

އޭޑީކޭގައި ގާއިމުކުރި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް ހުޅުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާން
މީގެ ކުރިންވެސް ޑީކޯގެ މައްސަލަތައް ކުރިމަތިވެގެން ހަމައެކަނި އެކަމަށް ފަރުވާދެވެން ހުރީ ކ. ބަނޑޮސް އައިލެންޑް ރިސޯޓުގައި އެކަންޏެވެ. އެކަމުގެ ސަބަބުން އައްޑޫގައި ޑީކޯއަށް ފަރުވާދޭނެ އިންތިޒާމް ގާއިމުކުރުމަށް މި ސަރުކާރުން ނިންމި ނަމަވެސް އެކަން އަދިވެސް ނުވެއެވެ.