10 Jan 2023, 18:39
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާރުގެ ސީއީއޯ ކާލް ސްޓުމްކަ އައްޔަންކޮށްފިއެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމާއި އޭނާ ހަވާލުވެ ބޭންކާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ސަރުކާރުގެ ފަރާތުން އޭނާ ވަނީ ބީއެމްއެލްގެ ބޯޑަށް އައްޔަންކޮށްފައެވެ. ކާލް އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ އާންމުޖަލްސާއަށް ފަހު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައެވެ.
ކާލްއަކީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވެލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. ބީއެމްއެލްއާ ގުޅިވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައެވެ.
އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަޙްރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަރނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓްގެ ޑައިރެކްޓަރުގެ މަޤާމުގައެވެ. އެ މަޤާމުގައި ކާލް ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް ބަލަހައްޓަވާފައެވެ.