12 Apr 2012, 11:40
ދެހާސް ނުވަ ވަނަ އަހަރުގެ މެއި މަހު ބިދޭސީންތަކެއްގެ މެދުގައި ހުޅުމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ބަންގުލަދޭޝްގެ މިހާގެ ޑީއެންއޭ ރިޕޯޓު ހެދި ފުލުސް މީހާ ޝަރީއަތަށް ހާޒިރު ކުރަން ބެލިއިރު އޭނާ ޝަރީއަތަށް ހާޒިރުކުރެވެން އޮތީ ތިން އަހަރު ފަހުން ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެއްޖެ އެވެ.
މެއި 31 ،2009 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބިދޭސީންތަކެއްގެ މެދުގައި ހުޅުމާލޭގައި ހިނގި މާރާމާރީގައި މީހަކު މަރުވި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ބަންގްލަދޭޝްގެ މުހައްމަދު ޔާސީންގެ މައްޗަށެވެ.
އެ މައްސަލައިގެ ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ ކުށުގެ ވެށިން ހޯދުނު ލޭތިކިތަކާއި ޔާސީންގެ ޑީއެންއޭ ދިމާވާކަމަށެވެ.
އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ޑީއެންއޭ ތަހުލީލު ކުރި ފުލުސްމީހާ ޝަރީއަތަށް ހާޒިރުކުރެވެން އޮތީ ތިން އަހަރު ފަހުން ކަމަށް ފުލުހުސް އޮފީހުން ބުނެފައިވާކަމަށެވެ. އަދި ވިދާޅުވީ ފުލުސް މީހާ މިހާރު ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި އެމީހާ ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ތިން އަހަރު ފަހުން ކަމަށް ވެސް ފުލުސް އޮފީހުން ބުނެފައިވާކަމަށެވެ.
އެކަމާއި ބެހޭގޮތުން ވާހަކަދެއްކުމަށް ދައުލަތަށް ފުރުސަތު ދިނުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެބާވަތުގެ ރިޕޯޓަކީ ދައުލަތުގެ ވަކީލުންނަށް ކިޔަން އެނގޭނެ އެއްޗަކަށް ނުވާތީ އެ ރިޕޯޓު ހެދި ފުލުސް މީހާ ނޫނަސް މިހާރުވެސް އެފަދަ ރިޕޯޓުތައް ހަދާ ފުލުހުން ޝަރީއަތަށް ހާޒިރުކުރުމަށް ފެންނަކަމަށެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އެ ރިޕޯޓާއި ބެހޭ އެންމެ ރަނގަޅު މައުލޫމާތު ދެވޭނީ އެ ރިޕޯޓު ހެދި ފުލުހުސް މީހާއަށް ކަމަށެވެ. އަދި އެފަދަ ރިޕޯޓު ހަދާ މީހާ ފިޔަވައި އެހެން މީހަކު ހާޒިރުކުރުމަކީ މިހާތަނަށް ކޯޓުން އަމަލުކޮށްފައިވާ ގޮތެއް ނޫންކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ޔާސީން ތިން އަހަރުވަންދެން ބަންދުގައި ބެހެއްޓުމަކީ ކޯޓަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި އިތުރު ފަރާތެއް ހާޒިރު ނުކޮށް ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.
ދައުވާއާ ބެހޭގޮތުން އިތުރަށް ވާހަކަ ދެއްކުމަށް ފުރުސަތު ހުޅުވުމުން ޔާސީން ބުނީ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
ފުލުހުންނަށް ޔާސީން ދިން ބަޔާނުގައި އޭނާ ވަނީ ކުށަށް އިއުތިރާފު ވެފައެވެ. ނަމަވެސް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ޔާސީން ބުނެފައިވަނީ ދައުވާ އަށް އިންކާރު ކުރާ ކަމަށާއި ފުލުހުން އޭނާލައްވާ ބަޔާނުގައި ސޮއިކުރުވީ ބިރުދައްކާ، އަނިޔާކޮށްގެން ގަދަކަމުން ކަމަށެވެ. ނަމަވެސް އޭނާގެ ދިފާއީ ވަކީލު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ދިފާއުގައި ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.