10 Jan 2023, 17:49
މިދިޔަ އޮގަސްޓް މަހު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނެގި މީހާ ތިން މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މީރާ އޮފީސް ފަޅާލައި އެ ތަނުން ވައްކަން ކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ދަންވަރެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ސ. ހިތަދޫ، ދެކުލައަރާގެ، މުޙައްމަދު އަސްލަމްއަށް އެތަނުން ގެންދެވިފައިވަނީ އެންމެ 25 ރުފިޔާ ކަމަށް މީރާއިން ވަނީ ބުނެފައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ދެ ދައުވާއެވެ.
އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވަނީ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. އެ ދެ މައްސަލައަށް ވެސް އަސްލަމް އިއުތިރާފުވެފައިވާއިރު އޭނާ ބުނެފައިވަނީ އެއީ އޭނާ މަސްތުގެ ހާލަތުގައި ހުރެ ކުރި ކަމެއް ކަމަށެވެ.
އެގޮތުން މުދަލަށް ގެއްލުންދިންކަމުގެ ކުށް ސާބިތުވުމުން އޭނާއަށް އިއްވާފައިވަނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިިތުވުމުން އިއްވާފައިވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ޖުމްލަ ހަތަރު މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އަސްލަމްގެ މައްޗަށް އިއްވި ނަމަވެސް އެ މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ދެން ތަންފީޒުކުރަން ޖެހޭނީ, ތިން މަހާއި ފަނަރަ ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ ކުރިން 2014 އިން މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ވެސް އޭނާ ދިޔައީ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ހުކުމުގެ ބޮޑުބައެއް ފުރިހަމަކޮށްފައިވާތީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އޭނާއަށް ވަނީ މައާފްދީ މިނިވަން ކޮށްފައެވެ.
މިނިވަން ކުރި ފަހުން މީރާ އޮފީސް ފަޅާލުމުގެ ކުރިން, މޯލްޑިވިއަންގެ އޮފީހާއި ޖުވެނައިލް ކޯޓުގެ އިމާރާތުން އޭނާ ވައްކަން ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަށް އަހަރު ޖަލުގައި ހޭދަކުރުމަށްފަހު މިނިވަންކުރިތާ މަހެއް ނުވަނީސް ވައްކަން ކުރަން ޖެހުނީ ކުރީގެ އެކުވެރިންނާ ދިމާވެ މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ކަމަށް އޭނާ ވަނީ ޝަރީއަތުގައި ބުނެފައެވެ.