ކަސްޓަމަރުންގެ އީމެއިލްއަށް ބިލްފޮނުވައިދިނުމުގެ ހިދުމަތް ދިރާގުން ފަށައިފި އެވެ.

ދިރާގުން ބުނީ ކަރުދާހުން ބިލްހަދައިގެން ފޮނުވުމުގެ ބަދަލުގައި ކޮންމެ ކަސްޓަމަރެއްގެ އެކައުންޓަށް އީމެއިލްއިން ބިލްފޮނުވުމުން ހަރަދުކުޑަވެ ތިމާވެއްޓަށްވެސް އޭގެ ލުއި ލިބޭނެ ކަމަށެވެ.

އެ ހިދުމަތް ލިބޭނީ އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމް ދިރާގަށް ހުށަހެޅުމުންނެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބުލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވީ ތިމާވެއްޓާއި ރަށްޓެހި ހިދުމަތެއްގެ އިތުރުން ބިލު ބަލައިލުމާއި ކަސްޓަމަރުންނަށް ބިލްކުރުމަށް އެ ކުންފުންޏަށާއި ކަސްޓަމަރުންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މި ހިދުމަތަކީ ތިމާވެއްޓާއި ވަރަށް ރައްޓެހި ހިދުމަތެއް.އަދި މިހިދުމަތުގެ ސަބަބުން ދިރާގުގެ ކަސްޓަމަރުނަށް އެފަރާތެއްގެ ބިލް ވަގުތެއްގައި ބައްލަވާލެއްވުމުގެ ފުރުސަތު ފަހިވެއެފަރާތަކަށް ބިލް ފާރުކޮއްދިނުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ" މިރުޝާން ވިދާޅުވި އެވެ.

ދިރާގުން އެ ހިދުމަތްދެނީ މުޅިން ހިލޭ އެވެ. ދިރާގުން މިހާރުވެސް އަންނަނީ ބޭންކް މެދުވެރިކޮށް ބިލްދެއްކޭނެ ހިދުމަތާއި އޮންލައިންކޮށް ބިލްބެލޭނެ ހިދުމަތްވެސް ދެމުންނެވެ.